ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަޅިނދު" ގެ ޝޫޓިން ނިންމާލައިފި އެވެ.
މި ފިލްމަކީ އަހުމަދު ޝިނާނު ޑައިރެކްޓްކޮށް ގެނެސްދޭ ބިރުވެރި ފިލްމެކެވެ. މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާއާ ގުޅިގެން 2016 ގެ ބިރުވެރި ފިލްމު "4426" އިން ޑައިރެކްޝަނަށް ނުކުތް ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނަކީ ޑާކް ރެއިންގެ 2019 ގެ ކްރައިމް ތުރިލާ "ގޮށްރާޅު" އެވެ.
"ބަޅިނދު" ގެ ޝޫޓިން ރޭ ނިންމައިލި ވާހަކަ ޑާކް ރެއިނުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި އިރު، މި ފިލްމުގެ ބައެއް ކާސްޓުންގެ ޕޯސްޓަރުތަކެއް ވެސް ކުރިން ދައްކާލާފައިވެ އެވެ.
ޒުވާން ސްކްރީން ރައިޓަރު ހޫދު އިބްރާހީމް ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ސްކްރީންޕްލޭކަށް ގެނެސްދޭ "ބަޅިނދު" އަކީ 2019 ގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމެކެވެ.
ނަމަވެސް ކޮވިޑް ވަބާއާ ދިމާވުމާއި ފިލްމުގެ އެކިއެކި ސަބަބުތަކާ ހެދި ފިލްމުގެ ބައެއް ކާސްޓުން ބަދަލުކުރަން ޖެހުން ފަދަ މައްސަލަތަކާ ހެދި ފިލްމުގެ މަސައްކަތަށް ވަރަށް ބޮޑު ހުއްޓުމެއް އަ އެވެ. އޭރު ފިލްމުގެ 80 ޕަސެންޓް ޝޫޓިން ނިންމާފައި އޮތަސް ފިލްމު އަލުން ޖެހުނީ ޝޫޓްކުރަން ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފައިވެ އެވެ.
"ބަޅިނދު" އިން ފެންނާނެ ތަރިންގެ ތެރޭގައި ޝަރަފު އަބްދުﷲ، އައިމިނަތު ރަޝްފާ (އާޝާ)، އަލީ އާޒިމް (ދޮންއައްޔަ)، އިސްމާއީލް ޖުމައިހް (ޖުމާ)، މަރިޔަމް މަޖުދާ (މަޖޫ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ހިމެނެ އެވެ.
މި ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމި ނަމަވެސް ސީދާ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މޮގާ ބުނީ "ބަޅިނދު" ސްކްރީނަށް އައުމުގެ ފުރުސަތު ބޮޑީ ރޯދައިގެ ފަހުން ކަމަށެވެ.
އެ ސްޓޫޑިއޯ އިން އަންނަ އަހަރު ގެނެސްދޭނެ ފުރަތަމަ ފިލްމަކީ ޖެނުއަރީ 8 އަށް ތާވަލުކޮށްފައި ރިވެންޖް ތުރިލާ "ފުރޭތަ" އެވެ.
ޑާކް ރެއިނުން ދެން އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ ޑިސެމްބަރު 4 ގައި ރިލީޒްކުރާ އަސަރު ގަދަ ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ. މިއީ އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދޭނެ ތިން ވަނަ ފިލްމެވެ. ފެބްރުއަރީ އޮލިމްޕަހުގައި އެޅުވި "ބީވީމާ" ގެ އިތުރުން މާޗްގައި މީޑިއާނެޓް މެދުވެރިކޮށް ޑާކް ރެއިނުން ލޯބީގެ ފިލްމު "ހިނދުކޮޅެއް" ގެނެސްދިނެވެ.
"ބަޅިނދު" އަކީ ޑާކް ރެއިނުން ބޮޑު ސްކްރީނަށް ގެންނަ އެ ސްޓޫޑިއޯގެ ދެވަނަ ބިރުވެރި ފިލްމެވެ. ފުރަތަމަ ފިލްމަކީ 2013 ގެ "ފަތިސްހަނދުވަރުގެ ފެށުން 3ޑީ" އެވެ.