އެއްވެސް މީހަކަށް އެންމެންގެ ރުހުން ލިބުމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެހެންވެ ކުރިއަށް ދާންވާނީ އެ ކަންކަމާ ކުރިމަތިލައިގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އެކްސްގައި ވިދާޅުވީ އޮތް ގޮތަކީ ހެޔޮ، ރަނގަޅު ކޮންމެ ކަމެއް ކުރަން އެދޭ މީހާ މީސްތަކުންގެ ރުހުމާއި، ނުރުހުމައް ނުބަލާ ކުރިއަސް ދިއުން ކަމަށެވެ.
"ކިތަންމެ ބޮޑު ހެޔޮ ކަމެއް ކުރިޔަސް ނުރުހުންވެ، ދެކޮޅުހަދާނެ ކޮންމެވެސް ބަޔަކު ތިބޭނެކަން ހަނދާންކުރޭ. އެންމެންގެ ރުހުންލި ބުމަކީ އެއްވެސް މީހަކަށް، ދުވަހަކު ވެސް ވާނެ ކަމެއް ނޫން." އިމްރާން ވިދާޅުވި އެވެ.
އޭނަ ކުރިން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ފާޑުކިޔުންތަކާ ކުރިމަތި ނުލައި އިސްލާހީ މަސައްކަތް ވަކިން ޚާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެ ކަމަށް ހީކުރުމީ ވަރަށްބޮޑު ކުށްހީއެއް ކަމަށެވެ. އެހެންވެ ސިޔާސީ މަސައްކަތަށް ނިކުންނަން ވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙަންމަލު ކުރުމުގެ ވިސްނުމާ އެކީގައި ކަމަށް ވިދާޅުވެފައިވެ އެވެ.
އިމްރާން ނިސްބަތްވާ އަދާލަތަކީ ސަރުކާރު ހިންގާ އެމްޑީޕީގެ ކޯލިޝަން ބައިވެރިއެކެވެ.