ޖުޑިޝަރީ އިސްލާހު ކުރާނެ ކަމަށްބުނެ އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލާ، ދޯކާދިން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ. އެ ބަހުސްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތަކީ އެމްޑީޕީން ފަށާ، އޭގެ ބޭނުން ހިފައިގެން ވެރިކަމަށް އައިސް އަދި މަޖިލީހުގެ މެޖޯރިޓީ ހޯދި ކަމެއް ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ކަނޑައެޅިގެން ރައްޔިތުންނަށް އެމްޑީޕީން "ދޯކާ" ދީފައިވާކަމަށް ވިދާޅުވިއެވެ.
"ޖުޑިޝަރީއަށް އިސްލާހު ގެނައުމުގެ މަސައްކަތަކީ އެމްޑީޕީން ފަށާ، އޭގެ ބޭނުން ހިފައިގެން ވެރިކަމަށްއައިސް، މަޖިލީހަށްވެސް އައިސް ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލާ ދޯކާ ދީފަ އޮތް މައްސަލައެއް. އެއްވެސް އިރަކު އެމްޑީޕީއަކުން ޖުޑިޝަރީ އިސްލާހު ކުރާކަށް މަސައްކަތެއް ނުކުރޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކަ އެމްޑީޕީން މިހާރު ފަށައިގެން އުޅެނީ އާ ސަރުކާރަށް ޖެއްސުމަށް ކަމަށެވެ. އަދި ސުޕަމެޖޯރިޓީ އޮވެމެ މުޅި މަޖިލިސް ހަރާބުކޮށް ނަތީޖާއެއް ނުނެރެވޭނެފަދަ ތަނަކަށް ހެދީ އެމްޑީޕީން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ އެއްވެސް އިހުލާސްތެރިކަމެއް ހުރެގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އިހްލާސްތެރިކަން ހުރިނަމަ ފަސް އަހަރު ވެގެންދާއިރު މިކަން އޮންނާނީ ކޮށް ނިންމާފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މިހާރު މި އިސްލާހުތައް ގެނައުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އިންތިހާބީ ރައީސްއަށް ފުރުސަތު ދިނުން ކަމަށެވެ.