Last Updated: May 9, 16:46
Friday, May 9, 2025
ޚަބަރު

ޖޭއެސްސީ އެކުލަވާލަން ސުޕްރީމް ކޯޓަށް ދޭން ގޮވާލައިފި

މެންބަރު ސައުދު ހުސައިން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލުމުގެ ފުރިހަމަ ބާރު ސުޕްރީމް ކޯޓަށް ދިނުމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ގޮވާލައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ބަހުސްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ އަދުލުއިންސާފު ގާއިމުކުރުމުގެ ފުރިހަމަ ބާރު ކޯޓުތަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގައި ބުނާ ކަމަށެވެ. އެހެންކަމުން އެ ބާރު ކޯޓުތަކަށް ދޫކޮށްލުމަށް ސައުދު ގޮވާލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވާ ގޮތަކަށް ޤާނޫނު ހެދުމަށް ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ކަމަށާއި ސަރުކާރު ހިންގުމުގެ ބާރު ދޫކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަކަށް ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ހިންގުމަށްކަން ސައުދު ފާހަގަކުރެއްވިއެވެ.

"ކީއްވެތޯ، ޤާނޫނުހެދުމުގެ ބާރާ ވެރިކަން ހިންގުމުގެ ބާރު، މި ދެބާރަށް މުތުލަގަށް ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން އެކަންކަން ކުރުމަށް ބާރުދީފަ، ޖުޑިޝަރީއަށް އަދުލުއިންސާފު ގާއިމުކުރަންވީމަ، ހޯހޯ ކޯޓުތަކަށް ބޭނުންވާގޮތަށް އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ދެވެން ނެތޭކިޔާފައި، މި ދެބާރުން މި ބާރު [އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު] ފުށްގަނޑަކަށް މޮޑެން މި މަސައްކަތް ކުރަނީ ކީއްވެތޯ؟ މިއީ މިހާރު ދިވެހިރާއްޖެއަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ." ސައުދު ވިދާޅުވިއެވެ.

އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ރާއްޖޭގެ ފަނޑިޔާރުގެއަށް މުތުލަގަށް ދޭންޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އަދުލުއިންސާފު ގާއިމުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ. އެކަން މިއަދު ފެނިގެންދާކަމަށާއި ރައްޔިތުން މިއަދު ރާއްޖޭގެ ޖުޑިޝަލް ސިސްޓަމަށް އިތުބާރު ކުރާކަމަށްވެސް ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ތިބީ ޑިމޮކްރެޓްސްއަށް ދިޔަ މެންބަރުން ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް އަކީ ޖޭއެސްސީގައި އިންނަވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އަލަށް ޖުޑިޝަރީ ކޮމިޓީއެއް އުފައްދާ އެ ކޮމިޓީގެ މުގައްރިރުކަން ކުރެއްވީ މެންބަރު އިމްތިޔާޒް ފަހުމީކަން ސައުދު ފާހަގަކުރެއްވިއެވެ.

"[ޖުޑިޝަރީ އިސްލާހުކުރަން] މަސައްކަތްތަކެއް ކޮށްފިއޭ. ދެން މިއަދު ކޯންޗެކޭތޯ ތިކިޔަނީ. ލިބުނު ބާރުގެ ތެރެއިން މިކަންކަން އިސްލާހު ނުކޮށް އޮތީމަ އެ ޒިންމާ ނަގަންޖެހޭނީ، އެމްޑީޕީތެރެ ހަލާކުކޮށްފައި ޑިމޮކްރެޓްސްއަށް ދިޔަ ބަޔަކު. އެއީ އެބާރު ލިބިފި ތިބި މީހުން." ސައުދު ވިދާޅުވިއެވެ.

މި ބަހުސްގައި ސައުދު ގޮވާލެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލަވާލުމުގެ ބާރު ސުޕްރީމް ކޯޓަށް ދިނުމަށެވެ. އަދި އަދުލުއިންސާފު ގާއިމު ކުރުމުގެ ފުރިހަމަ ބާރު ކޯޓުތަކަށް ދޫކޮށްލުމަށެވެ.