Last Updated: May 9, 16:46
Friday, May 9, 2025
ޚަބަރު

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރަން ހުށަހެޅީ ވައުދުވީ ގޮތަކަށް ނޫން

މެންބަރު ހަސަން ލަތީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭގޮތް ބަދަލުކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ވައުދުވެފައިވާ ގޮތަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު، އެ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑިޕީގެ މެނިފެސްޓޯގައި ޖޭއެސްސީ ވަކިގޮތަކަށް އެކުލަވާލުމަށް ވައުދު ވެފައިވާކަމަށެވެ. އެހެންނަމަވެސް ހުށަހަޅާފައިވާ އިސްލާހުގައި ވައުދުވެފައިވާ ގޮތް ނޫން އެހެން ގޮތަކަށް ހުށަހަޅާފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ހަސަން ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ޖޭއެސްސީ އެކުލަވާލުމަށް ހުށަހަޅާފައިވަނީ ފަނޑިޔާރުންނާއި މަގާމުގެ ހައިސިއްޔަތުން އައްޔަނު ކުރެވޭ ފަރާތްތައް ކޮމިޝަނުގައި ނުހިމެނުމަށްކަމަށެވެ. އަދި ކޮމިޝަނުގައި ހިމެނޭ ހުރިހާ މެންބަރުންނަކީ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކަށްވުމާއެކު އެއްވެސް މެންބަރަކީ ވަކި ދާއިރާއަކަށް ހާއްސަވެފައިވާ މީހަކަށް ވާން ނުޖެހުމަކީ އެމްޑީޕީން ވައުދުވިގޮތްކަން ހަސަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހާ ވައުދުވިގޮތާ "އުޑާ ބިމާހާ ތަފާތު" ކަމަށް ހަސަން ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ރާއްޖޭގެ މީހާރުގެ ހާލަތު އޮތްގޮތުން ފަނޑިޔާރުގެތަކުގައި ތިބި ފަނޑިޔާރުންނަށް، އެ ބޭފުޅުން ކުރާ މަސައްކަތަށް ފާރަވެރި ވެވިދާނެ ކަމަކަށް ގަބޫލުނުކުރެވޭކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އެގޮތަށް ކުރިނަމަވެސް ރާއްޖޭގައި މިވަގުތު އެހާލަތު ނެތްކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް އެ ޤާނޫނަށް ހުށަހަޅާފައިވަނީ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމެވެ. އަސްލަމް ހުށަހެޅި އިސްލާހުގައި ވާގޮތުން ޖޭއެސްސީ އެކުލަވާލެވޭނީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު، ބަންޑާރަނައިބު އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ ޤާނޫނީ ވަކީލަކު ހިމެނޭ ގޮތަށެވެ.