Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޤުނޫތު ކިޔަން އަންގައިފި

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގެތަށް ސުންނާފަތިވެފައި- ފޮޓޯ: އަލްޖަޒީރާ

ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުންއެދި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކަތްތަކުގައި ޤުނޫތު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓަރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ އިޒްރޭލިގެ ޞަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވައި، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުންއެދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި، ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި އާންމުން ދިރިއުޅޭ ގެތަކާއި ހޮސްޕިޓަލްތަކަށްވެސް ހަމާލާތައް އަމާޒުކޮށްފައިވެއެވެ. އަދި ކަރަންޓާއި ފެންވެސް އެކި ހިސާބުތަކުން ކަނޑާލައިފައިވެއެވެ. ބޭރު މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން ހޮނިހިރު ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 900 އަށްވުރެއް ގިނަ މީހުން ޝަހީދުވެފައިވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އަދަދު 260 އަށްވުރެއް ގިނައެވެ.