ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް އެގައުމުގެ 189 ސިފައިން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
އިޒްރޭލުގެ ޑިފެންސް ފޯސް އިން ބުނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހަމާސް އިން ދެމުންދާ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް 1،200 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެތެރެއިން 189 މީހުންނަކީ އެގައުމުގެ ސިފައިން ކަމަށް އަސްކަރިއްޔާ އިން ބުނެ އެވެ.
ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުން މިހާރު ވަނީ އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. އެގޮތުން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 1،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.
ހަމާސް ޖަމާއަތުން މިފަހަރު އިޒްރޭލަށް ދޭން ފެށި ހަމަލާތަކަކީ މިފަހުން އިޒްރޭލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އިޒްރޭލްގެ އެކި ހިސާބުތަކުގައި ހަމާސްގެ ހަނގުރާމަވެރިން ހަމަލާ ދެމުންދާއިރު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވާލާ މިސައިލްތަކަށް ވެސް ހުއްޓުމެއް ނާދެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުން މިހާރު އަންނަނީ އެއްގަމުން ގާޒާ އަށް އަރައިގަންނަން ވެސް ތައްޔާރުވަމުންނެވެ. އެގޮތުން ގާޒާގެ ސަރަހައްދީ ރޮނގަށް ބަރު ހަތިޔާރާއި ސިފައިން ވަނީ ޖަމާކޮށްފަ އެވެ.