ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އާމިރު ޚާންގެ އަންހެން ދަރިފުޅު އިރާ ޚާން އަންނަ އަހަރުގެ ޖެނުއަރީ 3 ގައި ކައިވެނިކުރަން ނިންމައިފި އެވެ.
ނިއުސް 18 ގެ މީޑިއާ އިވެންޓެއްގައި މިކަން ކަށަވަރުކޮށް ދެމުން އާމިރު ބުނީ ދަރިފުޅު ކައިވެނިކުރާތީ ވަރަށް އުފަލުން ހުރި ކަމަށާއި އެކަމަކު އެ ދުވަހަކީ ބައްޕައެއްގެ ހައިސިއްޔަތުން ވަރަށް ޖަޒުބާތީކޮށްލާނެ ދުވަހެއް ކަމަށެވެ. އެހެންޗެ ޖެނުއަރީ 3 އަކީ ކަރުނައިގެ ދުވަހަކަށް ވެދާނެ ކަމަށް 58 އަހަރުގެ އެކްޓަރު ބުންޏެވެ. އާމިރަކީ އަބަދު ވެސް ވަރަށް ޖަޒުބާތީ، ވަރަށް އަވަހަށް ރޮވޭ މީހެކެވެ. އެގޮތުން ބައެއް ފިލްމުތައް ވެސް ބަލާފައި އޭނަ ރޮއިފައިވެ އެވެ.
އިރާ އާއި ފިޓްނެސް ޓްރެއިނަރެއް ކަމަށްވާ ނުޕޫރް ޝިކާރޭ ކައިވެންޏަށް ތައްޔާރުވަމުން އަންނަ އިރު، އެ ދެ މީހުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެންގޭޖް ވެސް ވެފަ އެވެ.
ވާންއުޅޭ ދަނބިދަރިއާ ބެހޭ ގޮތުން އާމިރު ބުނީ ނުޕޫރާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އިރާ އާއި އޭނަގެ ގުޅުން ވެސް ވަރަށް ބަދަހި ކަމަށެވެ. އެހެންވެ ދެ ކުދިންނަށް ވަރަށް އުފާވެރި ހަޔާތަކަށް އެދޭ ކަމަށް ބުންޏެވެ.
"އަހަރެން ދެކެނީ ނުޕޫރް އަމިއްލަ ދަރިއެއް ގޮތަށް،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އާމިރު ބުންޏެވެ. "އޭނަގެ އާއިލާ އާއި އަހަރެމެންގެ އާއިލާ އަކީ މިހާރު ވެސް ހަމަ އެއް އާއިލާއެއް ކަހަލަ ބައެއް."
އިރާ، 24، އަކީ އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާ އެވެ. ދޮށްޓަށް ހުންނަނީ މިހާރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ޖުނައިދު ޚާން، 29، އެވެ.
ޖުނައިދާއި އިރާގެ މަންމަ ރީނާ ދައްތާއާ 2002 ގައި ވަރިވުމަށް ފަހު އާމިރު 2005 ގައި ކައިވެނިކުރީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކިރަން ރާއޯ އެވެ. އެ ކައިވެނި 2021 ގައި ރޫޅައިލި އިރު ސަރޮގޭޓްކޮށްގެން ދަރިއަކު ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 12 އަހަރުގެ އާޒާދު ރާއޯ ޚާނެވެ.
ދެ ކައިވެނި ރޫޅިފައި އޮތަސް ދަރިންގެ މައިންނާ އާމިދާ ދެމެދު އަބަދު ވެސް ގާތް ގުޅުމެއް އޮވެ އެވެ.