ރަންބީރް ކަޕޫރް ސޮއިކޮށްފައިވާ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ޓްރިލޮޖީ "ރާމާޔާން" އިން ސަނީ ޑިއޯލް ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އިންޑިއާގައ ކިޔައި އުޅޭ ހުރާފީ ވާހަކަ ރާމާޔަން އަށް ބިނާކޮށް، ތިން ބަޔަކަށް ބޮޑު ބަޖެޓަކުން ގްރޭންޑްކޮށް ހަދަން ތައްޔާރީތައް ވަމުން އަންނަ ފިލްމުގައި ސަނީ ކުޅޭނީ ހަނޫމަންގެ ރޯލެވެ. އެ ރޯލު އޭނަ އަށް ހުށަހަޅައި، މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ނޫހުން ބުންޏެވެ.
މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި "ގަދަރު 2" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން ސަނީ ޑިމާންޑް ވަރަށް ބޮޑަށް އުފުލިފައިވާ އިރު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އޭނަ ވަނީ އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމަށް ވެސް ސޮއިކޮށްފަ އެވެ. އެއީ ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ލާހޯރް: 1947" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ރާމާޔަން" ގައި ރަންބީރާ އެކީ ފެންނާނެ މައިގަނޑު ކާސްޓުންގެ ތެރޭގައި ދެކުނުގެ މަޝްހޫރު ދެ ތަރިއަކު ހިމެނެ އެވެ. އެގޮތުން ފިލްމުހެ ބަތަލާ ސީތާގެ ރޯލު ކުޅޭނީ ސައީ ޕައްލަވީ އެވެ. އަދި މީގެ ނެގަޓިވް ކެރެކްޓާ ރާވަންގެ ރޯލު ކުޅޭނީ "ކޭޖީއެފް" ގެ ބަތަލު ޔާޝް އެވެ.

"ރާމާޔަން" ގެ ކާސްޓާ ބެހޭ ވާހަކަތައް މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް ފިލްމުގެ ޓީމުން މިކަމާ ބެހޭ ގޮތުން ރަސްމީކޮށް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު މީގެ ކާސްޓާ ސަނީ ގުޅޭ ވާހަކަ ދެވެކެން ފެށުމާ އެކީ ގިނަ ބައެއްގެ ސަމާލުކަން އިތުރަށް ލިބިފައިވެ އެވެ.
އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ނިންމާފައިވާ "ރާމާޔަން" ޑައިރެކްޓްކުރާ ނިތޭޝް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޖުލައިގައި ވަރޫން ދަވާނާއި ޖާންވީ ކަޕޫރާ އެކީ ގެނެސްދިން "ބަވާލް" އެވެ. އޭނަ އަކީ "ޑަންގަލް" އާއި "ޗިޗޯރޭ" ގެ ވެސް ޑައިރެކްޓަރެވެ.