ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ އަހުމަދު ޝަރީފު (ޑުންގާ) ވެސް އަންނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައު ކުރަން ނިންމައިފި އެވެ.
އޭނަ އުފަން ދާއިރާ ކަމަށްވާ ފޭދޫ އުތުރު (ފޭދޫ-މަރަދޫފޭދޫ) އަށް ދާއިރާ އަށް ކުރިމަތިލާން ނިންމިކަން އިއުލާންކޮށްފައި ވަނީ އިއްޔެ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގަ އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ މަގާމުގައި ހުރި ޑުންގާ ބުނީ އޭނަ މަޖިލީހަށް ކުރިމަތިލާން ނިންމީ އެމްޑީޕީގެ ފަރާތުން ކަމަށާއި ފޭދޫ އުތުރު ދާއިރާގެ ގޮނޑީގެ ޕްރައިމަރީގައި ވާދަކުރާނެ ކަމަށެވެ.
"އުންމީދު ކުރަނީ ހަމަހަމަ ކަމަށް ލޯބިކުރާ [ރައްޔިތުން] ގެ އިހުސާސްތައް އެނގޭ މީހެއް ކަމަށް ގަބޫލުކޮށް، އުޖާލާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުމަށް ފުރުސަތު ދެއްވާނެ ކަމަށް." ޑުންގާ ބުންޏެވެ.
އޭނަ ބުނި ގޮތުގައި އެފަދަ ފުރުސަތު އޭނަ އަށް ދާއިރާގެ ރައްޔިތުން ދީފި ނަމަ ދާއިރާގެ ކުރިއެރުމަށް ފަސްޖެހުމެއް ނެތި ހިތްވަރާ އެކީ މަޖިލީހުގައި ވަކާލާތު ކުރާނެ އެވެ.
ޑުންގާ ކުރިމަތިލާން ނިންމީ ދާއިރާ އަކީ އަންނަ އަހަރުގެ މަޖިލީހަށް އިތުރުވި ހަ ދާއިރާގެ ތެރެއިން އައްޑު އަށް އިތުރުވި ދާއިރާއެކެވެ. އެ ދާއިރާއާ އެކީ އަންނަ އަހަރުގެ މަޖިލީހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރާނެ އެވެ.
ފޭދޫ އުތުރު ދާއިރާ އަށް ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ޑުންގާ މަޖިލީހަށް ކުރިމަތިލާން ނިންމި އިރު، އޭނަ އަކީ މިހާތަނަށް ސިޔާސީ ހަރަކާތްތަކުގައި އެހާ އާންމު މޫނެއް ނޫނެވެ. އެކަމަކު ޑުންގާ އެކީ ފުޓްބޯޅަ ކުރިއަރުވަން ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މީހެކެވެ.

ޑުންގާ އަކީ ރާއްޖޭގައި ފުޓްބޯޅައިގެ މާ ގިނަ ވަސީލަތްތަކެއް ނެތް ޒަމާނުގައި އެ ކުޅިވަރުގެ ތެރެއަށް ނުކުތް މީހެކެވެ. އެގޮތުން ޖަމާއަތުގެ ގުޅުމުގެ ފޭދޫ ގޮފީގެ ޓީމަށް 1985 ވަނަ އަހަރު ޒޯން މުބާރާތުގައި ކުޅުމަކީ ޑުންގާ ފުޓްބޯޅަ ކެރިއަރުގެ ފެށުމެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ފޭދޫ ސްޕޯޓްސް ކްލަބަށް ޒޯން މުބާރާތުގައި އަދި ޖެހިގެން އައި ދެ އަހަރު ފުރަތަމަ ޑިވިޝަނުގައި އޭނަ ކުޅުނެވެ.
ނަމަވެސް އޭރު ފުޓްބޯޅަ ކުޅެގެން އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން އޭނާ ފަހުން ރިސޯޓް ވަޒީފާ އަށް ދިޔަ އެވެ. ނަމަވެސް ފަހުން އަލުން މަތީ ފަންތީގައި ކުޅެން ފުރުސަތު ލިބުނީ ބަނޑޮސް ރިޒޯޓުގެ ފުޓްބޯޅަ ޓީމަށް ކުޅޭ ގޮތަށް އެ ރިޒޯޓުން ވަޒީފާ ލިބުމުންނެވެ. ޑުންގާ އަކީ 90 ގެ އަހަރުތަކުގައި ބަނޑޮސް އޯކިޑަށް ކުޅެ، ބްރެޒިލްގެ ކުރީގެ ކެޕްޓަން "ޑުންގާ" ގެ ނަމުން މަޝްހޫރުކަން ހޯދި ކުޅުންތެރިއެކެވެ. އޯކިޑަށް ފަހު ހުއްރިއްޔާ އަށް ޑުންގާ ބަދަލުވި އެވެ.

ގައުމީ ސްކޮޑުން ވެސް ފުރުސަތު ލިބުނު ޑުންގާ އަލުން ފުޓްބޯޅަ އަށް ހުސްވީ، އައްޑޫގައި އޮތް "ސީ" ލައިސަންސް ކޯޗިން ކޯހެއް ފުރިހަމަކުރުމަށް ފަހު، 2000 ގެ ވަޒީފާ ލިބުމުންނެވެ.
ޑުންގާ އަކީ އޭއެފްސީ ކޯޗިން "އޭ" ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް އަދި އޭއެފްސީ "ބީ" އިންސްޓްރަކްޓާ ލައިސަންސް ނަގާފައިވާ މީހެކެވެ. އޭނަ އަކީ އައްޑޫގައި އަމިއްލަ ފުޓްބޯޅަ އެކަޑެމީއެއް ވެސް ހިންގަމުން އަންނަ މީހެކެވެ.