Last Updated: May 9, 16:46
Friday, May 9, 2025
ޚަބަރު

މި ވަގުތު އާ މަޝްރޫއުތައް ފެށުން ރަނގަޅެއް ނޫން

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)- ފޮޓޯ: ސަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އާ މަޝްރޫއެއްގެ މަސައްކަތް މިވަގުތު ފެށުން ރަނގަޅު ނޫންކަމަށާއި ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރަށް މިވަގުތު ޖާގަ ދޭންޖެހޭނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ޓްރާންސިޝަން ސްޕޯކްސްޕާސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މި ސަރުކާރުން ކުރިއަށްގެންދާ ބައެއް ތަރައްގީގެ މަސައްކަތްތަކާއި ބައެއް އެހެނިހެން ކަންކަން ހުއްޓާލުމަށް އިންތިހާބީ ރައީސް އެންގެވިކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައް ހުއްޓާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނާންގަވާކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެސް ޑރ. މުއިއްޒު އެންމެ ބޮޑަށް ދެއްކެވީ ޕްރޮޖެކްތްތައް ހުއްޓާނުލައްވާނެ ވާހަކަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ފަސް އަހަރު ރައްޔިތުން ޒިންމާ ހަވާލުކުރި ފަރާތްތަކަށް އެކަން ނުވުމުން، ރައްޔިތުން އާ ބަޔަކަށް ޒިންމާތައް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަން އޮގޮތަށް ރައްޔިތުން ނިންމާފައިވަނިކޮށް އާ ބަޔަކަށް ވަޒީފާގެ ކުރިއެރުންދީ، އާ މަޝްރޫއުތައް ފެށުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ނިމިގެންމިދާ ސަރުކާރުގެ ވައުދުތައް ކަމުނުދިޔައިމަ، ނޫނީ އެބޭފުޅުން ކުރެއްވި ވައުދުތައް ނުފުއްދުނީމަ ރައްޔިތުން އެބޭފުޅުންނަށް ޖާގަ ނުދެއްވާ އާ ބަޔަކަށް މި ޖާގަދެއްވީ. ޑރ. މުއިއްޒަށް ޖާގަދެއްވީ، ޕީޕީއެމް ޕީއެންސީއަށް ޖާގަދެއްވީ ވައުދުތައް ރަނގަޅުވީމަ. އެހެންމަ ނިމެމުންމިދާ ސަރުކާރުން، އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި އިތުރު މަޝްރޫއުތައް ފައްޓަވައިގެން ނުވާނެ، އެއީ އެބޭފުޅުންނަށް އެ މެންޑޭޓެއް ރައްޔިތުން ނުދެއްވާ. އެހެންމަ އަޅުގަނޑުމެން މި ދަންނަވަނީ އެކަންކަން މަޑުކޮށްލާށޭ، އާ ސަރުކާރު ހަވާލުވެފަ ދެން ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދަން." އަބަދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އެދޭގޮތަށް ތަރައްގީ ގެނެސްދެއްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވި ކަމަށާއި އަދި އެކަން ރައްޔިތުންވަނީ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ވެރިކަމަށް މި އަންނަނީ ބާރު ސްޕީޑުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށް ވިދާޅުވިއެވެ.