ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ސަމާލުކަމެއް ނުދެއްވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ޓްރާންސިޝަން ސްޕޯކްސްޕާސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރެއްވުމުން އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުންނަށް މިވަގުތު މުހިންމީ އާ ސަރުކާރާ ހަވާލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
"އެހެންމަ އަޅުގަނޑުމެންގެ މާބޮޑު ސަމާލުކަމެއް ނެތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެކަމުގައި އަމަލުކުރާނޭ ގޮތެއް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމަވާނެ ކަމަށެވެ.
އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް ރައިސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ އެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ގަވައިދުގެ ދަށުން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް ވަނީ ރައީސް ނަޝީދަށް ދީފައެވެ.