Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ސިޔާސީ މަގާމުގައި ތިބި މީހުން ބަދަލުކުރަން އުޅޭކަމުގެ ތުހުމަތު

އަބްދުއްރަހީމް އަބްދުﷲ- ފޮޓޯ: އެލީޒް

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުން ސިވިލް ސާވިސްގެ ވަޒީފާތަކަށް ބަދަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ޓްރާންސިޝަން ސްޕޯކްސްޕާސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ބައެއް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ސިވިލް ސާވިސްގެ ދަށުން އެކިއެކި ވަޒީފާތަކަށް ބަދަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް މިހާރު ލިބޭ މުސާރައާ އެއްވަރުގެ މުސާރަ ލިބޭ މަގާމުތަކެއް އުފެއްދުމަށްފަހު ވަޒީފާ ބަދަލުކުރުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއަށް އެއްގޮތަކަށްވެސް މިކަން ނުކުރައްވާށޭ. މިއީ ކޮށްގެންވާނެ ކަމެއް ނޫނޭ. އެއީ ސިޔާސީ މަގާމުތަކުގައި މިއަދު ތިއްބަވާނީ މިއަދު މި އޮތް ސަރުކާރުގެ ސިޔާސީ ވިސްނުމަށް ތާއީދުކުރައްވާ ބޭފުޅުން. އެއާ ތަފާތު ވިސްނުމެއްގެ ބޭފުޅުން ސަރުކާރަށް ވަޑައިގަންނަވަނީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނަށް އަންނަ ސަރުކާރުގެ ތެރޭގައި ތިބެވޭގޮތަށް ސިވިލް ސާވިސްގެ މަގާމު އުފައްދައިގެން އެބޭފުޅުންނަށް މަގާމު ދިނުމުގެ ވިސްނުން ގެންގުޅުމަކީ އެއް ގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަބްދުއްރަހީމް ވަނީ އެފަދައިން ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއަށް ގޮވާލާފައެވެ.