އަދާލަތު ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނިޒާރް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ބޭއްވި އަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި، 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.
ނިޒާރު ވިދާޅުވީ މި ބައްދަލުވުމުގައި މިކަމާމެދު ގޮތެއް ނިންމުމުގެކުރިން ޕާޓީގެ ގޮފިތަކާއި، ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ވެސް އެއްބަސްވެވުނު ކަމަށެވެ.
2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެކަން މިހާރުވެސް ބައެއް ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ.
އަދާލަތު ޕާޓީ މިވަގުތު ކޯލިޝަން ހަދައިގެންތިބި އެމްޑީޕީންވެސް ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމުގެ ވިސްނުންގެންގުޅޭކަން ހާމަކޮށްފައިވެއެވެ.
ޤާނޫނުއަސާސީގައި މިހާރު އޮތްގޮތުން ކޮންމެ 5000 މީހުންގެ އާބާދީއަކަށް މަޖިލިސް މެންބަރަކު ހުންނަންޖެހެއެވެ. އެހެން އޮތުމުން ކޮންމެ މަޖިލިސް އިންތިހާބަކަށް އަންނައިރު މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ހާމަކުރިގޮތުގައި އަންނަ މަޖިލިސް އިންތިހާބަށް އިދާރީ 93 ދާއިރާ އަކަށް މެމްބަރުން އިންތިހާބު ކުރަންޖެހެއެވެ. މިހާރު މަޖިލީހުގައި ތިބެނީ 87 މެންބަރުންނެވެ.