ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް މި އަހަރު ލިބޭ ދެ ވިޔަފާރި މިއަދު ހޮވައިފި އެވެ.
މި ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000ރ. ލިބޭ ގްރާންޓެކެވެ. ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ދެ ފަރާތަކީ:
1. އާމިނަތު ހަމީދު (މޯލްޑިވިއަން ޕެޓިސިއޭ)
ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓްރީ ލިބޭ ބޭކަރީއެއް ގާއިމުކުރުމަށް
2. ސަންފާ ނަޒާހަތު އަހުމަދު (ނަޒާހެލްތް)
ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަން ގެ ހިދުމަތް ގާއިމުކުރުމަށް
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭތީ ފަހުރުވެރިވާ ކަމަށާއި ދެކެން ބޭނުންވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް މި ވިޔަފާރިތަކުގެ ސަބަބުން އައު ފުރުސަތުތަކެއް ފަހިވާ މަންޒަރު ކަމަށެވެ.
ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގަ އެވެ. ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅުކަމަށް ފާހަގަ ކުރެވުނު 10 ފަރާތްވަނީ ޝޯޓްލިސްޓްކޮށްފަ އެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން ވަނީ އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފަ އެވެ.