މުރުތައްދުވެފައިވާ އިންޑިއާގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީ މަރާލަން މިދިޔަ އަހަރު ދިން ހަމަލާ އަށް ބިނާކޮށް ފޮތެއް ނެރެން ތައްޔާރުވެއްޖެ އެވެ.
އޭނަގެ ކަނާތު ލޮލުގެ ފެނުން ވެސް ގެއްލުނު ހާދިސާ އަށް ބިނާކޮށް ލިޔެފައިވާ ފޮތުގެ ނަމަކީ "ނައިފް" އެވެ. ޕަބްލިޝިން ހައުސް، ޕެންގްއިން ރޭންޑަމް ހައުސްގެ ތައްގަނޑުގައި ނެރޭ ފޮތުގެ ކަވަރު ވެސް މިހާރު އާންމުކޮށްފައިވާ އިރު އޭގައި ބުނެފައިވާ ގޮތުން މިއީ "މަރާލާ ދިން ހަމަލާ އަށް ފަހު އޭނަ ފުރާނަ ސަލާމަތްކުރަން ކުރި މަސައްކަތް ކިޔައިދޭނެ" އެއްޗެކެވެ.
"ނައިފް" ނެރެން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 16 ގަ އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ ރުޝްދީ، 76، އަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ވަޅިއަކުން ހަމަލާ ދިނީ އެމެރިކާގެ ނިއު ޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގައި އޮތް އަދަބީ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި ތަގުރީރުކުރަން އުޅެނިކޮށް ސްޓޭޖަށް މީހަކު އަރަ އެވެ.
ރުޝްދީ، 76، އަށް ހަމަލާ ދިނީ ހާދީ މަޓާރް ކިޔާ އެމެރިކާގެ ނިއު ޖާޒީ އަށް ނިސްބަތްވާ 24 އަހަރުގެ މީހެކެވެ. އެ ހާދިސާއާ ގުޅިގެން އޭނާ ވަނީ ހައްޔަރުކުރި އެވެ.
ރުޝްދީ އަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެތައް ލިޔުމެއް ލިޔެފައިވާ މީހެކެވެ. މިކަމާ ގުޅިގެން އޭނަ އަށް އިސްލާމީ ދުނިޔޭގެ ވަރަށް ބޮޑު ނުރުހުމެއް އަމާޒުވެފައިވެ އެވެ. އަދި ވަރަށް ގިނަ ފަހަރު މަތިން ރުޝްދީ އަށް މަރުގެ އިންޒާރު ވެސް ލިބެމުން ގޮސްފައިވެ އެވެ.
ރުޝްދީ ލިޔުނު 1988 ގެ ފޮތް "ދަ ސެޓޭނިކް ވާސެސް" ގެ ސަބަބުން އޭނަ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމައިނީ 1989 ގައި ފަތުވާއެއް ވެސް ނެރުއްވާފައިވެ އެވެ.