ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރާއްޖޭގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށެވެ. ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ސެންޓޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
މެޗުގެ ދެވަނަ ހާފްގައި ބަންގްލަދޭޝުން ރަނގަޅަށް ކުޅެ ރާއްޖޭގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން ބަންގްލަދޭޝް އަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު އެޓީމުން ފޮނުވާލި ބައެއް ހަމަލާތައް ދިފާއުކުރުމުގައި ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފުގެ ހުޝިޔާރުކަން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
ބަންގްލަދޭޝުން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 87 ވަނަ މިނެޓްގައި ރާއްޖޭގެ ޒުވާން ފޯވާޑް ހަސަން ނަޒީމް ގާސިމް (ޗޯޓު) ވަނީ ލީޑު ނަގައިދީފަ އެވެ. ބަންގްލަދޭޝްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޗޯޓު މި ގޯލު ކާމިޔާބު ކުރީ ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ރާއްޖޭގެ ލީޑު ފުޅާކޮށްލަން އޭގެ އިރުކޮޅެއް ފަހުން ސެންޓޭ އަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. އެ ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބަންގްލަދޭޝުން ނަތީޖާ އެއްވަރުކުރުމެވެ. ރާއްޖޭގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މުޅިން ހުހަށް ހުރެ ގޯލަށް ވައްދާލައިގެން ބަންގްލަދޭޝަށް ނަތީޖާ އެއްވަރުކޮށްދިނީ ސާދް އުއްދީން އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 17 ގަ އެވެ. އެ މެޗު އޮންނާނީ ބަންގްލަދޭޝްގަ އެވެ.