Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އަމިއްލަ ވަޒަން ދޫކޮށް ފަލަސްތީނު ރައްޔިތުން ނުދާނެ

އަމިއްލަ ވަޒަން ދޫކޮށް ފަލަސްތީނު ރައްޔިތުން ނުދާނެ ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހަމާސް އިން މިހެން ބުނެފައިމިވަނީ އުތުރު ގާޒާގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން 24 ގަޑިއިރުގެ މުހުލަތެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.

ހަމާސް ޖަމާއަތުގެ ޕޮލިޓިކަލް އަދި އިންޓަނޭޝަނަލް ރިލޭޝަންސް ބިއުރޯގެ އިސްވެރިޔާ، ބައްސާމް ނާއިމް ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް މިއަދު އޮތީ ދެ ގޮތް ކަމަށާއި އެއީ އިޒްރޭލުން ހިފާފައިވާ ބިންތައް މިނިވަން ކުރުން ނުވަތަ އަމިއްލަ ވަޒަނުގައި ޝަހީދުވުން ކަމަށެވެ. އެގޮތުން އަމިއްލަ ވަޒަން ދޫކޮށް ފަލަސްތީނު ރައްޔިތުން ނުދާނެ ކަމަށާއި އިޒްރޭލުން ކުރިމަތި ކުރުވާފައިވާ ދަތި ހާލަތުގެ ވާހަކަ ބައިނަލްއަގުވާމީ ފަރާތްތަކަށް އަޑު އިއްވުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މިއަދު އަހަރަމެން މިކުރާ ކަމަކީ އަމިއްލަ ދިފާއުގައި ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށާއި އިޒްރޭލުގެ ކިބައިން ސަލާމަތްވާންޖެހޭއިރު މެދުއިރުމައްޗަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން އުތުރު ގާޒާގައި ދިރިއުޅެމުންދާ ފަރާތްތައް އެހެން ސަރަހައްދަކަށް ބަދަލުވުމަށް މުހުލަތެއް ދީފައިވީ ނަމަވެސް މިއީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އދ. ވަނީ ބުނެފަ އެވެ. އަދި މީގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،564 މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ގާޒާ އިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް ވުރެ މައްޗަށް އަރާފަ އެވެ.