Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ވަގުތު ޖެހުމުން އިޒްރޭލަށް ހަމަލާ ދޭން ތައްޔާރު

ވަގުތު ޖެހުމުން އިޒްރޭލަށް ހަމަލާދޭން ތައްޔާރަށް އޮތް ކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ބުނެފި އެވެ.

ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން މިއަދު ލުބްނާންގެ ވެރިރަށް ބެއިރޫތުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަމުން ހިޒްބުﷲ ޖަމާއަތުގެ ނައިބު ވެރިޔާ ނާއިމް ގާސިމް ވިދާޅުވީ ފަލަސްތީނު ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި އަރަބި ގައުމުތަކުން އަދި އދ. ގެ މަންދޫބުން ވެސް އެ ޖަމާއަތުގައި ގާތުގައި އެދިފައިވާ ކަމަށެވެ.

ނަމަވެސް ހިޒްބުﷲ ޖަމާއަތަށް އެ ޖަމާއަތުގެ ޒިންމާތައް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެ ޖަމާއަތް އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް ވިދާޅުވި އެވެ. އެގޮތުން ވަގުތު ޖެހުމުން ރަނގަޅު ޕްލޭނަކާއެކު އިޒްރޭލަށް ހަމަލާދޭން ފަށާނެ ކަމަށްވެސް ހިޒްބުﷲ ޖަމާއަތުން ވަނީ ބުނެފަ އެވެ.

ހިޒްބުﷲ ޖަމާއަތުން މިހެން ބުނެފައިވާއިރު އުތުރު ގާޒާގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން 24 ގަޑިއިރުގެ މުހުލަތެއް ރޭ ވަނީ ދީފަ އެވެ. ނަމަވެސް މިއީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އދ. ވަނީ ބުނެފަ އެވެ. އަދި މީގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،564 މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ގާޒާ އިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް ވުރެ މައްޗަށް އަރާފަ އެވެ.