Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ވިކީ ހަނގުރާމައިގެ ތެރެއަށް

އިންޑިއާގެ ވަރުގަދަ އަސްކަރީ ކޮމާންޑަރެއްގެ ރޯލު އެކްޓަރު ވިކީ ކޯޝަލް ކުޅެފައިވާ ފިލްމު "ސޭމް ބަހާދޫރު" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ ޑިސެމްބަރު 1 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ މުހިއްމު ރޯލެއް ކުޅުނު 2018 ގެ ކާމިޔާބު ވަތަނީ ފިލްމު "ރާޒީ" ގެނެސްދިން މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ޕީރިއަޑް ފިލްމެކެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ދީޕިކާ ޕަދްކޯންގެ 2020 ގެ "ޗަޕާކް" އެވެ.

"ސޭމް ބަހާދޫރު" ގައި ވިކީ ކުޅެފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ކުރި ހަނގުރާމައިގައި އިންޑިއާގެ އަސްކަރިއްޔާގައި އޭރު އެންމެ އިސްކޮށް އުޅުނު ސޭމް މަނެކްޝޯގެ ރޯލެވެ. އެގޮތުން އެ ރޯލަށް ވިކީ ވަރަށް ރަނގަޅަށް އިންސާފުކޮށް ދީފައިވާކަން ފިލްމުގެ ޓީޒާ އިން ދައްކުވައިދެ އެވެ.

ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހޯދޭ ގޮތަށް ގެނެސްދިން ޓީޒާއާ އެކީ، ވިކީގެ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުރީފު ވެސް ކުރަމުންނެވެ. "ސޭމް ބަހާދޫރު" ޕްރޮޑިއުސްކޮށްފައި ވަނީ އޭނަ އަށް ނެޝަނަލް އެވޯޑް ވެސް ލިބުނު 2019 ގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސޭމް ބަހާދޫރު" ގެ ކާސްޓްގައި "ޑަންގަލް" އިން ތައާރަފުވި ފާތިމާ ސަނާ ޝެއިހާއި ސާނިއާ މަލްއުތުރާ ވެސް ހިމެނެ އެވެ. "ސޭމް ބަހާދޫރު" ގައި ފާތިމާ ފެންނާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިިންދިރާ ގާންދީގެ ރޯލުންނެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްވާ ވިކީގެ ތިން ވަނަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ. އަދި ޖޫންގައި ވިކީގެ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" ރިލީޒްވި އެވެ.