ސ. ގަން އިންޓަނެޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ބޯޑް ސަރުކާރުން އަލުން އެކުލަވާލާ އިރު، އެ ބޯޑަށް ސަރުކާރުން އައްޔަން ކުރާ މެމްބަރުންނަކީ ސިޔާސީ މީހުންނަށް ނެހެދުމާއި ބޯޑް ސިޔާސީ ނުކުރުމަށް ގަން އެއާޕޯޓްގެ ކަންތަކާ ވަކާލާތު ކުރަމުން އަންނަ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން ބުނެފި އެވެ.
އޭޑީސީގެ އޮފިޝަލަކު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ އެ ބޯޑް ސިޔާސީ ނުކުރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި އެކަން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭޑީސީން ބުންޏެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ އެ ބޯޑަށް ސަރުކާރުން އައްޔަން ކުރާ ތިން މެމްބަރުންނަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާ އާއި ގާބިލްކަން ލިބިފައިވާ ކަމުގެ ހުނަރާއި މައުލޫމާތު ލިބިފައިވާ ޓެކްނިކަލް ބޭފުޅުން ބޯޑަށް އައްޔަން ކުރަން،" އޮފިޝަލް ވިދާޅުވި އެވެ. "މިކަން ސަރުކާރަށް އަޅުގަނޑުމެން ވާނެ މިހާރު ހުށަހަޅާފައި."
"އައްޑޫ ލައިވް" އަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އޭއައިއޭގެ ބޯޑަށް ލުމަށް އޭޑީސީން ވަނީ ތިން ބޭފުޅެއްގެ ނަން ވެސް ސަރުކާރަށް ހުށަހަޅައިފަ އެވެ. އެ ތިން ބޭފުޅުންނަކީ ޓޫރިޒަމް މިނިސްޓަރުގެ މަގާމާއި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމު މީގެ ކުރިން އަދާ ކުރައްވާފައިވާ ޑރ. މަހުމޫދް ޝައުގީ އާއި ދަމާސް މުހައްމަދު ސޯލިހްގެ އިތުރުން އޭވިއޭޝަން ދާއިރާގައި 30 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައިވާ ހިތަދޫ މުހައްމަދު ސޯލިހް އެވެ.
މިކަމާ ބެހޭ ގޮތުން އޭޑީސީ އާ ސުވާލު ކުރުމުން އެ ތިން ބޭފުޅުންގެ ނަން ސަރުކާރަށް ރެކޮމެންޑް ކުރި ކަމާ ދޭތެރޭ ކޮމެންޓެއް އަދި ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ. އަދި އެކަން އޭޑީސީން ދޮގު ނުކުރާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.