ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ދިނުމަށް ޗައިނާ އިން ގޮވާލައިފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވީ އިޒްރޭލު-ފަލަސްތީނު މައްސަލަ ފެށޭ ހިސާބަކީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ލަސްކުރާ ލަސްކުރުން ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނާއި މެދު ވެފައިވާ އިހުމާލުތައް ރަނގަޅު ނުކޮށް ތިބުމަކީ ވެސް މި މައްސަލައިގެ އަސްލެއް ކަމަށާއި މިއީ ބޮޑު ބޭއިންސާފެއް ކަމަށްވެސް ވަންގް ވިދާޅުވީ އެވެ.
އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު މި މައްސަލަ އަށް ހައްލެއް ގެނައުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ހަނގުރާމަ އަށް އަވަސް ހަލެއް އަތުވެދާނެ ކަމަށް ނުބެލެވޭއިރު އުތުރު ގާޒާގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން 24 ގަޑިއިރުގެ މުހުލަތެއް ރޭ ވަނީ ދީފަ އެވެ. ނަމަވެސް މިއީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އދ. ވަނީ ބުނެފަ އެވެ. އަދި މީގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،799 މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ގާޒާ އިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް ވުރެ މައްޗަށް އަރާފަ އެވެ.