Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އިޒްރޭލަށް ދޫދިނުމެއް ނެތް، މަރުވަންދެން ހަނގުރާމަ ކުރާނަން

އިޒްރޭލަށް ދޫދިނުމެއް ނެތް ކަމަށާއި މަރުވަންދެން ހަނގުރާމަ ކުރާނެ ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހަމާސް ޖަމާއަތުން މިހެން ބުނެފައިމިވަނީ އުތުރު ގާޒާގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން 24 ގަޑިއިރުގެ މުހުލަތެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.

ހަމާސް ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރެއް ކަމަށްވާ އިއްޒަތު އަލް ރިޝޭގް ވިދާޅުވީ އިޒްރޭލުން ފާއިތުވި ހަފްތާގައި އެކަނި ވެސް 6،000 ބޮން ފަލަސްތީނުގެ ގާޒާ އަށް އަޅާފައިވާ ކަމަށާއި ގާޒާގައި އިޒްރޭލުން ހިންގަމުން ދަނީ ލާއިންސާނީ އަމަލުތަކެއް ކަމަށެވެ. އަދި މިނިވަން، ޑިމޮކްރެޓިކް ކަމަށް ދައުވާ ކުރާ ގައުމުތަކުން ބަލައިގެންފައިވާ ހުރިހާ ގާނޫނުތަކާއި މުއާހަދާތަކާއި އިޒްރޭލު ހިލާފުވެފައިވާ ކަމަށާއި ފަލަސްތީނުގައި ހިންގަން ނިންމާފައިވާ ގަތުލްއާއްމު ވަރަށް ސާފުކޮށް އިޒްރޭލުން ހާމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުތުރު ގާޒާގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވާން އިޒްރޭލުން ގޮވާލި ނަމަވެސް އެ ގޮވާލުމަށް އިޖާބަ ނުދޭނެ ކަމަށް އިއްޒަތު ވިދާޅުވި އެވެ. އަދި މިނިވަންކަމަށް ކުރާ މަސައްކަތުގައި އިޒްރޭލަށް ދޫދިނުމެއް ނެތް ކަމަށާއި މަރުވަންދެން ވެސް އެގޮތުގައި ދެމި ތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ވައިގެ ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ވަނީ ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. ހަމާސް އިން ދެމުންދާ ހަމަލާތަކުގައި އިޒްރޭލުގެ 1،200 މީހުން މަރުވެފައިވާއިރު އިޒްރޭލުން މިހާތަނަށް ވަނީ ފަލަސްތީނުގެ 1،900 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ.

ހަމާސް ޖަމާއަތުން މިފަހަރު އިޒްރޭލަށް ދޭން ފެށި ހަމަލާތަކަކީ މިފަހުން އިޒްރޭލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އިޒްރޭލްގެ އެކި ހިސާބުތަކުގައި ހަމާސްގެ ހަނގުރާމަވެރިން ހަމަލާ ދެމުންދާއިރު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވާލާ މިސައިލްތަކަށް ވެސް ހުއްޓުމެއް ނާދެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުން މިހާރު އަންނަނީ އެއްގަމުން ގާޒާ އަށް އަރައިގަންނަން ވެސް ތައްޔާރުވަމުންނެވެ. އެގޮތުން ގާޒާގެ ސަރަހައްދީ ރޮނގަށް ބަރު ހަތިޔާރާއި ސިފައިން ވަނީ ޖަމާކޮށްފަ އެވެ.