Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ޝަހީދުންގެ އަދަދު 2،000 އާ ގާތަށް

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 2،000 އާ ގާތްކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިޒްރޭލުން ހަނގުރާމަ އިއުލާންކޮށް ފަލަސްތީނަށް ދެމުންދާ ހަމަލަތާކުގައި މިހާތަނަށް ގާޒާ އިން 1،900 މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެތެރެއިން 614 މީހުންނަކީ ކުޑަކުދިންނެވެ. އަދި 370 މީހުންނަކީ އަންހެނުން ކަމަށްވާއިރު 7،600 އަށް ވުރެ ގިނަ މީހުންނަށް މި ހަމަލާތަކުގައި އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި ހުޅަނގު އައްސޭރިން އިއްޔެ އިޒްރޭލު ސިފައިން ވަނީ 14 މީހަކު ޝަހީދުކޮށްލާފަ އެވެ. އެއާއެކު ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު ވަނީ 49 އަށް އަރާފަ އެވެ.

މި ހަމަލާތަކާ ގުޅިގެން ގާޒާ އިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް ވުރެ މައްޗަށް އަރާފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތަކެއް ދޭން ފެށީ އެގައުމާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ވަރުގަދަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެންނެވެ. ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ވައިގެ ހަމަލާތަކެއް މިދިޔަ ހޮނިހިރު ދުވަހު ދޭން ފެށިއިރު އެ ހަމަލާތަކުގައި އިޒްރޭލުގެ 1،200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލުން ހަނގުރާމަ އިއުލާން ކުރުމުގެ އިތުރަށް އުތުރު ގާޒާގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް ވެސް ވަނީ އިންޒާރު ދީފަ އެވެ. އިޒްރޭލުގެ އިންޒާރާއެކު އުތުރު ގާޒާގެ ގިނަ ބަޔަކު ދަނީ ދެކުނަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންނެވެ.