Last Updated: July 15, 11:57
Wednesday, July 15, 2026
ކުޅިވަރު

ފްރާންސާއި ޕޯޗުގަލް އަދި ބެލްޖިއަމް ޔޫރޯ އަށް

އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފްރާންސް އާއި ޕޯޗުގަލް އަދި ބެލްޖިއަމް ކޮލިފައިވެއްޖެ އެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮއްވާ ފްރާންސް ޔޫރޯ އަށް ކޮލިފައިވީ ރޭ ނެދަލޭންޑްސްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

ނެދަލޭންޑްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އެމްބާޕޭ މި ގޯލު ކާމިޔާބު ކުރީ ނެދަލޭންޑްސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. އަދި މެޗުގެ 53 ވަނަ މިނެޓްގައި ފްރާންސްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މި ގޯލު އޭނާ ކާމިޔާބު ކުރީ ނެދަލޭންޑްސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ނެދަލޭންޑްސްގެ ހަމައެކަނި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހާޓްމަން އެވެ. މިއީ މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ފްރާންސް ކޮޅަށް ވަތް ފުރަތަމަ ގޯލެވެ. ކޮލިފައިންގެ ހުރިހާ މެޗަކުން ފްރާންސް މޮޅުވެފައިވާއިރު ނެދަލޭންޑްސް އޮތީ ގްރޫޕްގެ ތިންވަނައިގަ އެވެ. ޔޫރޯ އަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުން ވެސް ގަދަ ދެ ޓީމެވެ.

އަމިއްލަ ދަނޑުގައި ސްލޮވާކިޔާގެ މައްޗަށް 3-2 އިން ޕޯޗުގަލް އިން ކުރި ހޯދި މެޗުގައި ވިދާލީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެގޮތުން މި މެޗުގައި ރޮނާލްޑޯ ދެ ގޯލު ކާމިޔާބު ކުރިއިރު މި ދެ ގޯލާއެކު އޭނާ ޕޯޗުގަލްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު ވަނީ 125 އަށް އަރާފަ އެވެ. ޕޯޗުގަލްގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ގޮންސާލޯ ރާމޯސް އެވެ.

ޕޯޗުގަލް ވެސް ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތް މެޗުން މޮޅުވެފައިވާއިރު ސްލޮވާކިޔާ އޮތީ ދެވަނައިގަ އެވެ.

ރަށުން ބޭރުގައި ކުޅެ އޮސްޓްރިއާގެ މައްޗަށް 3-2 އިން ކުރި ހޯދައިގެން ބެލްޖިއަމުން ޔޫރޯ އަށް ކޮލިފައިވީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 13 ޕޮއިންޓާ އެކު އޮސްޓްރިއާ އޮތްއިރު ދެން އޮތް މެޗުން މޮޅުވެގެން އެޓީމަށް ވެސް ޔޫރޯ އަށް ކޮލިފައިވެވޭނެ އެވެ.

ރޭގެ މެޗުގައި ބެލްޖިއަމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑޯޑީ ލުކެބަކިއޯ އެވެ. ބެލްޖިއަމްގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. ބެލްޖިއަމްގެ އޮނާނާ އަށް ދެއްކި ރަތްކާޑާއެކު އެ ޓީމުން 10 ކުޅުންތެރިންނާއެކު މެޗު ފުރިހަމަ ކުރަން ޖެހުނުއިރު އޮސްޓްރިއާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ކޮންރަޑް ލައިމާ އާއި މާސެލް ސަބިޓްޒާ އެވެ.