މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ އެޕާޓްމެންޓެއް ވިއްކާލުމުގެ ހުއްދަ، ސިވިލް ކޯޓުން އެ ބޭންކަށް ދީފި އެވެ.
މި އެޕާޓްމަންޓަކީ ހުޅުމާލޭ، ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމެންޓެއް ރަހުނުކޮށް އެމްއައިބީން ނަގާފައިވާ ލޯނެކެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ލޯނު ދައްކަމުން ނުދާތީ ރަހުނުކުރި އެޕާޓްމެންޓް ވިއްކާލުމުގެ ހުއްދަ އަށް އެމްއައިބީން ކޯޓުގައި އެދުމުން، ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަނުން މިދިޔަ ހަފުތާގައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ނުކޮށްފި ނަމަ އެޕާޓްމެންޓް ވިއްކާލުމުގެ ހުއްދަ ދީފަ އެވެ.
ބޭންކުން ނިހާނަށް ދީފައި ވަނީ 4،023،314.19ރ. ފެ ލޯނެކެވެ. މީގެ ތެރެއިން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތީ ނުދައްކަ އެވެ.
މި މައްސަލާގައި އެޕާޓްމަންޓް ވިއްކައިލުމުގެ ހުއްދަ ކޯޓުން އެމްއައިބީ އަށް ދޭން ހުކުމްކޮށްފައި ވަނީ ނިހާނުގެ ޢައިރު ހާޒިރުގައެވެ. ސަބަބަކީ މައްސަލައާ ގުޅޭ ކޯޓުގެ ޗިޓާ ހަވާލުވި ނަމަވެސް ކޯޓަށް ހާޒިރު ނުވުމުން ކަމަށް ސިވިލް ކޯޓުން ބުނެފައިވެ އެވެ.
ލޯނެއް ނުދައްކައިގެން ނިހާނުގެ އެޕާޓްމެންޓް ވިއްކާލުމުގެ ހުއްދަށް ކޯޓުން ބޭންކަށް ދިންއިރު، މިހާރު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނިހާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ވެސް ހަ ދައުވާއެއް އުފުލި މީހެކެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާ އާއި, ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއާއި, މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެކެވެ.