މާލޭގެ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ބަންދު މުއްދަތު ޖަހައިފިއެވެ.
ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމަތަކާ ގުޅިގެން ފުލުހުންގެ އެންޓި-ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަން އަދި އިންޓަލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެމީހުންގެ ބަންދު މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ހައްޔަރުކުރި މީހުންގެ ތެރެއިން 41 އަހަރުގެ ފިރިހެން މީހާ އަދި 35 އަހަރުގެ އަންހެން މީހާގެ ބަންދަށް ވަނީ 10 ދުވަސް ދީފައެވެ. އަދި 44 އަހަރުގެ އަންހެން މީހާގެ ބަންދަށް ދީފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ހުސް ދިވެހިންނެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.