Last Updated: July 17, 18:07
Saturday, July 18, 2026
މުނިފޫހިފިލުވުން

ޖޭއެފް ކެނެޑީގެ ވާހަކަ ނެޓްފްލިކްސް އަށް

އެމެރިކާގެ ކުރީގެ ރައީސް ޖޭއެފް ކެނެޑީގެ ހަޔާތަށް ބިނާކޮށް ނެޓްފްލިކްސް އަށް ލިމިޓެޑް ސީރީޒެއް ހަދަން ނިންމައިފި އެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސީރީޒް ހަދަން ނިންމާފައި ވަނީ އޭނައާ ބެހޭ ގޮތުން ނެރުނު 2020 ގެ ބައޮގްރަފީ "ޖޭއެފް: ކަމިން އޮފް އޭޖް އިން ދި އެމެރިކަން ސެންޗަރީ 1917-1956" އަށް ބިނާކޮށެވެ. އެގޮތުން ސީރީޒްގެ ސްކްރީންޕްލޭ ލިޔެ، މީގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި އެރިކް ރޮތު ހިއްސާވާނެ އެވެ.

އޭނަ އަކީ ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކީ ޑައިރެކްޓަރު މާޓިން ސްކޮސިސް މި މަހުގެ 20 ގައި ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާ ކްރައިމް ޑްރާމާ ފިލްމު "ކިލާޒް އޮފް ދަ ފްލާވާ މޫން" ގެ ވެސް ސްކްރީން ރައިޓަރެވެ.

ޖޭއެފް ކެނެޑީގެ ސީރީޒް ހަދަން ނިންމާފައި ވަނީ ޕީޓާ ޗާނިން އާއި ޖެނޯ ޓޮޕިންގެ ޗާނިން އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެންނެވެ. ނަމަވެސް ސީރީޒް ޑައިރެކްޓްކުރާނެ މީހަކާއި މީގެ ކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއްނުކުރެ އެވެ.

ޖޭއެފް ކެނެޑީ އަކީ އެމެރިކާގެ 35 ވަނަ ރައީސެވެ. އޭނަ ވެރިކަން ކުރެއްވީ 1961-1963 ގަ އެވެ. މަގާމުގައި ހުންނަވަނިކޮށް އުމުރުން އެންމެ 46 އަހަރުގައި ކެނެޑީ އަވަހާރަކުރީ ނޮވެމްބަރު 22، 1963 ގަ އެވެ.