Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ސީޕީ ހަމީދު ރިޓަޔާކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.

އޭނަ މިކަން ހާމަކުރެއްވީ ފުލުހުންގެ އިސްވެރިންތަކެއް ހިމެނޭ ސޯޝަލްމީޑިއާގެ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖްގައި ހަމީދުގެ ވިދާޅުވީ އޭނަ އަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އަދި ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށްވާތީ އޭނާއާ މެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ސީޕީގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު މުއައްސަސާގެ ނަން އޮތީ ކިލަނބުވެއި ކަމަށާއި އެހެންވެ ފުލުހުންގެ ސަފުތައް އަލުން ބަދަހިކުރެއްވުމަށާއި މުއައްސަސާގެ ކުރިމަގަށްޓަކައި އޭނާ މަސައްކަތްކުރެއްވީ އަމިއްލަ ވިސްނުންތަކާއި ހިޔާލުތައް އެއްފަރާތްކޮށްގެން ކަމަށް ވިދާޅުވެފައިވެ އެވެ.

ހަމީދު ފާހަގަކުރެއްވި ގޮތުގައި ފުލުހުންނާ މެދު ރައްޔިތުން ކުރާ އުއްމީދުތަކެއް އަދިވެސް ހުރުމާ އެކު ފުލުހުން ކުރަން ޖެހޭ އިތުރު ކަންތައްތަކެއް އަދިވެސް އެބަހުއްޓެވެ. އެހެންވެ އޭނަގެ ތަޖުރިބާތައް ކުރިއަށް އޮތް ތަނުގައި ވެސް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ހަމީދު ސީޕީގެ މަގާމަށް އައްޔަންކުރީ މާޗް 26، 2019 ގަ އެވެ. އޭގެ ކުރިން ވަގުތީ ގޮތުން ހަމީދާ އެ މަގާމު ރައީސް ހަވާލުކުރެއްވީ ޑިސެމްބަރު 2، 2018 ގަ އެވެ.

ހަމީދަކީ ފުލުހުންގެ އިސް އެކި މަގާމުތައް މިހާތަނަށް ފުރުއްވާފައިވާ ބޭފުޅެކެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް އޮގަސްޓް 2012 ގައި ފުލުހުންގެ ވަޒީފާ އިން ހަމީދު ވަކިކުރި އެވެ. އެއީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރެއްވިކަމުގެ ތުހުމަތުގަ ކަމަށެވެ.

އެ މައްސަލާގައި ހަމީދު ކޯޓަށް ވަޑައިގެން ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގައި މައްސަލަ ކާމިޔާބު ވެސް ކުރެއްވި އެވެ. އެކަމަކު ހައިކޯޓުންހުކުމް ކުރީ ހަމީދު ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. ހަމީދު ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ޑިސެމްބަރު 2، 2018 ގައި ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން އޭނަ އަށް އަލުން ދިނީ ޑިސެމްބަރު 4، 2018 ގަ އެވެ. އޭރު ވެސް ހަމީދު އައްޔަންކުރެއްވީ ފުލުހުންގެ އިންޓެލިޖެންސް ވެރިޔަކަށެވެ.

ހަމީދު ރިޓަޔާ ކުރައްވަން އުޅުއްވާކަން ހިއްސާކުރެއްވި މެސެޖުގައި ވަނީ ދެވަނަ ފަހަރަށް ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެން މުއައްސަސާގެ ތަރައްގީއަށް ކުރެއްވި ކަންކަން ފާހަގަކުރައްވައި އެ މަސައްކަތުގައި ފުލުހުންގެ އިސްވެރިންނާއި ހުރިހާ ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެކަން ކުރައްވާނެ ތާރީހެއް ކަަމަށް ބެލެވެނީ އަންނަ މަހުގެ 11 ވަނަަ ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ.