ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލީގެ ޝިކާރަކަށްވެ، ފިލްމީ ކެރިއަރު ވެސް ހުއްޓުމަކަށް އައި ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ބްރޫސް ވިލިސް އަށް މިހާރު ވާހަކަ ވެސް ނުދެއްކޭ ކަމަށް އޭނަ ގާތް މީހަކު ބުނެފި އެވެ.
ޕޭޖް ސިކްސް އަށް ދިން އިންޓަވިއުއެއްގައި ސްކްރީން ރައިޓަރު ގްލެން ގޯޑަން ކެރޯން ބުނީ ވިލިސްގެ ހާލަތު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ކަމަށެވެ. އެގޮތުން އޭނަ އަށް މިހާރު ވާހަކަ ވެސް ނުދެއްކޭ އިރު، ލިޔެފައި ހުންނަ އެއްޗެހި ކިޔަން ވެސް ނޭނގޭ ކަމަށް ބުންޏެވެ.
"އޭނައާ އެންމެ ފަހުން ބައްދަލުވި އިރު އަހަންނަށް ފާހަގަކުރެވުނު އަނެއް ކަމަކީ އަހަންނަކީ ކާކުކަން ވެސް ނޭނގިގެން އެތައް އިރަކު ވިލިސް އަށް އިންނަން ޖެހުނުކަން،" ގްލެން ބުންޏެވެ. "އޭނަގެ ހާލަތު ފެނިފައި ވަރަށް އަސަރުކުރި. ގަބޫލުކުރަން ވެސް ދަތިވި."
އޭނަ ބުނި ގޮތުގައި ބައްޔާ ހަނގުރާމަ ކުރަމުން އަންނަ އިރު، "ޑައި ހާޑް" ފިލްމުތަކުގެ ބަތަލަށް އޮތް އެންމެ ބޮޑު ހިތްވަރަކީ އާއިލާގެ އެހީތެރިކަމާއި ލޯތްބާއި އަޅާލުމެވެ. އެގޮތުން ވިލިސްގެ ފަސް ދަރިން ވެސް ބައްޕަ އަށް ވަރަށް އަޅާލަމުން އަންނަ ކަމަށް ގްލެން ބުންޏެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިލިސް، 68، އަށް ބޮޑު ބައްޔަކާ ކުރިމަތިވެ، އެކްޓިން ކެރިއަރު ނިންމައިލަން ޖެހުނު ވާހަކަ އާއިލާ އިން އިއުލާންކުރީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.