ދެކުނު ލުބްބާނަށް އިޒްރޭލުން އިއްޔެ ދިން ހަމަލާއެއްގައި ރޮއިޓާސްގެ ނޫސްވެރިޔަކު ޝަހީދުކޮށްލައިފި އެވެ.
އިތުރު ހަ މީހަކު ވެސް ޒަހަމްވި އެ ހަމަލާގައި ޝަހީދުވީ ރޮއިޓާސްގައި ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އިސާމް އަބްދުﷲ އެވެ. އޭނަ ޝަހީދުވުމާ ގުޅިގެން ރޮއިޓާސް އިން ނެރުނު ބަޔާނެއްގައި އެކަމާ ހިތާމަ ފާޅުކޮށް، އިޒްރޭލުގެ އަމަލު ވަދަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި ދެކުނު ލުބްނާނަށް ދިން ހަމަލާގައި އިސާމް ޝަހީދުވި އިރު، އޭނައާ އެކީ އުޅުނު އެ އެޖެންސީގެ އިތުރު ދެ ނޫސްވެރިޔަކު ވެސް ޒަހަމްވި އެވެ. އެއީ ތައޭރު އަލް ސުދާނީ ކިޔާ ނޫސްވެރިޔަކާއި މަހެރް ނަޒޭ ކިޔާ ނޫސްވެރިއެކެވެ.
އިޒްރޭލުން ދެކުނު ލުބްނާންގެ ހަމަލާދިން ސަރަހައްދަކީ ގިނަ އަދަދެއްގެ ނޫސްވެރިންތަކެއް ހަރަކާތްތެރިވަމުން އައި ސަރަހައްދެކެވެ. އެގޮތުން ޖަލް ޖަޒީރާ އާއި އޭއެފްޕީގެ އިތުރުން އެހެން ބައެއް މީޑިއާ އެޖެންސީތަކުގެ ނޫސްވެރިން ހިމެނެ އެވެ. އޭއެޕްޕޫން ބުނި ގޮތުގައި ހަމަލާގައި އެތަނުގެ ދެ ނޫސްވެރިޔަކު ވެސް ޒަހަމްވެފައިވެ އެވެ.
މީގެ ހަފުތާއެއް ކުރިން ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ އިޒްރޭލާއި ގާޒާ މިހާރު އޮތީ ހަނގުރާމައެއްގެ ތެރޭގަ އެވެ. މިކަމުގައި ފަލަސްތީނަށް ތާއީދުކޮށް، ބައެެއް ގައުމުތަކުން އަންނަނީ އިޒްރޭލަށް ހަމަލާ ދެމުންމެވެ. ލުބްނާނަކީ އޭގެ ތެރެއިން އެއް ގައުމެވެ.
އިޒްރޭލާއި ފަލަސްތީނުގެ ކުރިމަތިލުންތައް ފެށުނު ފަހުން މިހާތަނަށް 10 ނޫސްވެރިއެއްގެ ފުރާނަ ގެއްލިފައިވެ އެވެ. އޭގެ ތެރޭގައި ފަަލަސްތީނުގެ ނޫސްވެރިން ވެސް ހިމެނެ އެވެ. އަދި ނޫސްވެރިންނަށް ހަމަލާތައް އަމާޒުކުރާތީ ނޫސްވެރިން ތަމްސީލުކުރާ އެކި ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.