Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ؟

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމް) ގެ ރައީސް ކަމަށް ގެންނަން ކެމްޕޭނަށް ފަށައިފި އެވެ.

އެގޮތުން "ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައިގެން ބަޔަކު މިހާރު އަންނަނީ ކެމްޕޭން ކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ދަނޑުގެ ބޭރުން ވެސް ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދަން އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ ވާދަކުރަން އެދޭ ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އޭނަ މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ބައްސާލް އަދީލް ޖަލީލެވެ. އެ މަގާމުގައި އޭނަ ހުންނަވާތާ ގިނަ އަހަރުތަކެއް ވެފައިވާ އިރު، ބައްސާމަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ބޭފުޅެކެވެ. މިހާތަނަށް އޭނަގެ އިސްތިއުފާ އަށް ވެސް އެތައް ބަޔަކު ގޮވާލާފައިވާ އިރު، ފުޓްބޯޅައިގެ ތެރޭގައި އުޅޭ ވަރަށް ގިނަ ބަޔަކު މިހާރު ބައްސާމާ ގަބޫލެއް ނޫނެވެ.

ދަގަނޑޭ އެފްއޭއެމްގެ ރައީސް ކަމަށް ގެންނަން ފުޓްބޯޅަ އަށް ލޯބިކުރާ ބަޔަކު ކެމްޕޭނެއް ފަށާފައިވާ އިރު، އޭނަ އަކީ އެ ކުޅިވަރުން ރާއްޖެ އާއި މި ސަރަހައްދުން ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތެކެވެ. އެކަމަކު ދަގަނޑޭ އަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާހުރި މީހެއް ނޫނެވެ.