އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި 700 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިޒްރޭލުން ހަނގުރާމަ އިއުލާންކޮށް ފަލަސްތީނަށް ދެމުންދާ ހަމަލަތާކުގައި ގާޒާ އިން އެކަނި ވަނީ 2،215 މީހަކު ޝަހީދުވެފަ އެވެ. އޭގެތެރޭގައި 724 ކުޑަކުދިންނާއި 458 އަންހެނުން ހިމެނެ އެވެ. އަދި 8،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
އިޒްރޭލުން ދިން ހަމަލާތަކުގައި ހުޅަނގު އައްސޭރިން ވަނީ 49 މީހަކު ޝަހީދުކޮށްލާފައިވާއިރު 950 މީހަކަށް ވަނީ އަނިޔާތައް ލިބިފަ އެވެ.
މި ހަމަލާތަކާ ގުޅިގެން ގާޒާ އިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް ވުރެ މައްޗަށް އަރާފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތަކެއް ދޭން ފެށީ އެގައުމާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ވަރުގަދަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެންނެވެ. ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ވައިގެ ހަމަލާތަކެއް މިދިޔަ ހޮނިހިރު ދުވަހު ދޭން ފެށިއިރު އެ ހަމަލާތަކުގައި އިޒްރޭލުގެ 1،200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިޒްރޭލުން ހަނގުރާމަ އިއުލާން ކުރުމުގެ އިތުރަށް އުތުރު ގާޒާގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް ވެސް ވަނީ އިންޒާރު ދީފަ އެވެ. އިޒްރޭލުގެ އިންޒާރާއެކު އުތުރު ގާޒާގެ ގިނަ ބަޔަކު ދަނީ ދެކުނަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންނެވެ.