Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ހަނގުރާމަ ހުއްޓާލަން އިޒްރޭލަށް ގޮވާލައިފި

ވަގުތު ފާއިތު ނުވަނީސް އިޒްރޭލުން ހަނގުރާމަ ހުއްޓާލަން އިރާނުން ގޮވާލައިފި އެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ފެއްޓެވި ދަތުރުފުޅުގައި ލުބްނާންގެ ވެރިރަށް ބެއިރޫތުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިރާނުގެ ހާރިޖީ ވަޒީރު ހޮސެއިން އާމިރް އަބްދުއްލާހިއާން ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ ރައްޔިތުންނާއި މެދު ހިންގާ ޖަރީމާތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށާއި އެކަން ހުއްޓާނުލައިފިނަމަ އިޒްރޭލަށް ވަގުތު ފާއިތުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އިޒްރޭލުން ފަށާފައިވާ ހަނގުރާމައާ ގުޅިގެން ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ރާވާފައިވާ ރޭވުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ ޖަމާއަތުން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ އިޒްރޭލަށް ކެތް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އިރާނުގެ ހާރިޖީ ވަޒީރު އިއްޔެ ވަނީ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އާއި ބައްދަލުކުރައްވާފަ އެވެ. އަދި ރޭގެ ވަގުތެއްގައި ގަތަރުގައި އިރާނުގެ ހާރިޖީ ވަޒީރު ވަނީ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި އެ ޖަމާއަތުގެ އިސް ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު މި މައްސަލަ އަށް ހައްލެއް ގެނައުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ހަނގުރާމަ އަށް އަވަސް ހަލެއް އަތުވެދާނެ ކަމަށް ނުބެލެވޭއިރު އުތުރު ގާޒާގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން 24 ގަޑިއިރުގެ މުހުލަތެއް ވަނީ ދީފަ އެވެ. ނަމަވެސް މިއީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އދ. ވަނީ ބުނެފަ އެވެ. އަދި މީގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ގާޒާ އިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް ވުރެ މައްޗަށް އަރާފަ އެވެ.