Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

"ބޯޑާ 2" އިން ސަނީ 6 މިލިއަން ޑޮލަރު

އަންނަ އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ ހަނގުރާމަ ފިލްމު "ބޯޑާ 2" އަށް ސަނީ ޑިއޯލް ސޮއިކުރީ 50 ކްރޯޑް ރުޕީސް (6 މިލިއަން) ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ މިދިޔަ އޮގަސްޓް މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހެދި "ގަދަރު 2" އަށް ފަހު ސަނީ ސޮއިކުރި ދެވަނަ ފިލްމު ކަމަށް މީޑިއާތަކުން ބުންޏެވެ. "ބޯޑާ 2" އަކީ ސަނީ މުހިއްމު ރޯލެއް ކުޅުނު 1997 ގެ ކާމިޔާބު ފިލްމު "ބޯޑާ" ގެ ސީކްއެލް އެވެ. އެ ފިލްމަކީ ޖޭޕީ ދައްތާ ޑައިރެކްޓްކުރި އެއްޗެކެވެ.

"ބޯޑާ 2" ގެ ޝޫޓިން އަންނަ އަހަރުގެ މެދުތެރޭގައި ފަށަން ޕްލޭންކޮށްފައިވާ އިރު، ސަނީ ދެން އެންމެ އަވަހަށް ޝޫޓިން ފަށަން އޮތީ އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެއީ ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ވަތަނީ ފިލްމު "ލާހޯރް، 1947" އެވެ.

ހަ މިލިއަން ޑޮލަރަށް ސަނީ "ބޯޑާ 2" އަށް ސޮއިކުރި އިރު، މީގެ ކާސްޓްގައި ކުރީގެ ފިލްމުގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީގެ އިތުރުން އަޔޫޝްމަން ކްރާނާ ވެސް ކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރާތީ އެކަން ކަށަވަރެއް ނުވެ އެވެ.

ސަނީގެ 2001 "ގަދަރު: އޭކް ޕްރޭމް ކަތާ" ގެ ސީކްއެލް "ގަދަރު 2" ހޯދި ކާމިޔާބީއާ ގުޅިގެން އޭނަ އަށް މިހާރު އަންނަނީ ގިނަ އޮފާތަކެއް ލިބެމުންނެވެ.