Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ފުވައްމުލަކުގެ "ނަމާދު ޕްރޮގްރާމް" ނިންމާލައިފި

ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ފިރިހެން ދަރިވަރުންނަށް ހާއްސަކޮށްގެން ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ނަމާދު ޕްރޮގްރާމް" ނިންމާލައިފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ފެށި އެ ޕްރޮގްރާމް 40 ދުވަސް ފަހުން ނިންމާލައި، އޭގައި ބައިވެރިވި ދަރިވަރުންނަށް އިއްޔެ ވަނީ ހަދިޔާ ވެސް ދީފަ އެވެ. "ނަމާދު ޕްރޮގްރާމް" ގައި އުމުރުން 9-13 އަހަރާ ދެމެދުގެ 150 ކުއްޖަކު ބައިވެރިވި އެވެ.

ކައުންސިލުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ފަސް ވަގުތު ނަމާދުކުރާ ޖީލެއް ބިނާކޮށް، ނަމާދަށް ކުދިންގެ ހިތުގައި އޮންނަ ޝައުގާއި ލޯބި އިތުރުކުރުމެވެ. އެގޮތުން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ރަނގަޅަށް ވުޟޫކުރުމާއި ނަމާދުގައި ކިޔާތަކެތި ހިތުންދަސް ކުރުވުމާއި ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުވުމާއި، އަޤީދާ އާއި ގުޅޭ މަޢުލޫމާތަށް އަހުލުވެރިކުރުވުން ފަދަ ބައިތައް ހިމަނައިގެންނެވެ.