ކަލާސްގެ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ސީޒަން 13 ޑީނޯ ޖޭމްސް ކާމިޔާބުކޮށްފި އެވެ.
ރޭ ގެނެސްދިން ކުލަގަދަ އަދި ފޯރިގަދަ ފިނާލޭ އެޕިސޯޑްގައި އޭނަ ޝޯގެ ޓްރޮފީ އުފުލާލި އިރު، ރެޕާއެއްގެ ގޮތުގައި އާންމުންގެ ސަމާލުކަން ހޯދި ޑީނޯ ފާހަގަކުރެވުނީ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 13 ފެށީއްސުރެ، ޝޯގެ އެންމެ ވަރުގަދަ އެއް ބައިވެރިޔާގެ ގޮތުގަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ޝޯގެ އެންމެ ފަހުގެ ސީޒަން ރޭ ނިންމައިލި އިރު، ޝޯގެ ދެވަނަ އަކީ ޓީވީ އެކްޓަރު އަރިޖިތު ތަނޭޖާ އެވެ. އަދި ތިން ވަނަ އަކީ އައިޝްވާރިއާ ޝަރުމާ އެވެ.
އެމެރިކާގެ ޓީވީ ޝޯ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަންގެ ގޮތުގައި ގެނެސްދޭ "ހަތުރޯން ކޭ ކިލާޅީ" ގެ ސީީޒަން 13 ގައި ވާދަކުރި ބައިވެރިންގެ ތެރޭގައި ޝިވް ތާކްރޭ، އަންޖަލީ އާނަންދު، އަރްޗަނާ ގޯތަމް، ޑެއިޒީ ޝާހް،، ނައިރާ ބެނަޖީ، ރަޝްމީތު ކޯރް، ރޯހިތު ރޯއި، ރޫހީ ޗަތުރަވެދީ، ޝީޒާން ޚާން އަދި ސޯންދަސް މުފާކީން ހިމެނެ އެވެ.
ރޭ ސީޒަން ނިންމާލި އިރު، މި ސީޒަން ފެށީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ އެވެ.
"ހަތުރޯން ކޭ ކިލާޅީ 13" ނިންމައިލުމާ އެކީ މިރޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 17 ވަނަ ސީޒަން ޕްރީމިއާކުރާނެ އެވެ. މި ޝޯގެ ހޯސްޓަކީ ސަލްމާން ޚާނެވެ.