ބޭންކް އޮފް މޯލްޑިވްސް އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ގިނަ އަދަދެއްގެ ބައިވެރިންނާއެކު އިއްޔެ ހަވީރު ހުޅުމާލެ އަދި ރާއްޖޭގެ ރަށްތަކުގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުގެ މާލީ އޭހީތެރިކަމާއެކު، ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކެންސަރ ސޮސައިޓީން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިންގ ޕްރޮގްރާމަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތު ދީފައިވެއެވެ.
2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.