އިންޑިއާގެ މަޝްހޫރު ދެ ކޮމީޑިއަނުން ކަމަށްވާ ސުގަންދާ މިޝްރާ އާއި ޑރ. ސަންކެތު ބޮސާލޭ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.
އެކަން އިއުލާންކޮށް، ދެމަފިރިން އެކީގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެެ. ސުގަންދާ އާއި ސަންކެތު ކައިވެނިކުރީ 2021 ގަ އެވެ. މި ދެ މީހުން ކައިވެނިކުރީ އެކީގައި މަސައްކަތްކުރި ކޮމެޑީ ޝޯތަކުން އުފެދުނު ލޯތްބަށް ފަހު އެވެ.
ސުގަންދާ އާއި ސަންކެތު މިހާތަނަށް ވަރަށް ގިނަ ކޮމެޑީ ޝޯތަކުގައި މަސައްކަތްކޮށްފައިވެ އެވެ. މި ދެ މީހުންނަކީ ކުރިން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ހިމެނުނު ދެ ބައިވެރިންނެވެ. ހޯސްޓުންގެ ގޮތުގައި ވެސް މަސައްކަތްކުރާ ދެ ފަންނާނުންނަކީ ބޮލީވުޑްގެ ބައެއް ފަންނާނުން ވާހަކަ ދައްކާ ގޮތް ކޮޕީކުރާ މިމިކްރީ އާޓިސްޓުން ވެސް މެ އެވެ.
އެގޮތުން ސުގަންދާ އަކީ އިންޑިއާގެ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ އަޑުން ލަވަ ކިޔާ އަދި ބަތަލާ ކަންގަނާ ރަނާވަތު ވާހަކަ ދައްކާ ގޮތް ކޮޕީކޮށް ބެލުންތެރިން ހެއްވާލާފައިވާ ފަންނާކެކެވެ.
ސަންކެތު ކޮޕީކުރާ ތަރިންގެ ތެރޭގައި ސަލްމާން ޚާނާއި ސަންޖޭ ދަތާއި ރަންބީރް ކަޕޫރާއި ފަރުހާން އަޚްތަރާއި ނަވާޒުދުއްދީން ސިއްދީގީގެ އިތުރުން ލަވަކިޔުންތެރިޔާ ސޯނޫ ނިގާމާއި ޅެންވެރިޔާ ޖާވިދު އަޚްތަރު ހިމެނެ އެވެ.