ބަތަލާ ދީޕިކާ ޕަދްކޯން ފުލުހެއްގެ ރޯލު ކުޅޭ ފިލްމު "ސިންގަމް އެގެއިން" ގައި އޭނަ ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ދީޕިކާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް އޭނަ ސިފަކޮށްފައި ވަނީ "ޝަކްތީ ޝެޓީ" ގެ ގޮތުގަ އެވެ. އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅޭ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގައި ދީޕިކާ ފުލުހެއްގެ ރޯލު ކުޅޭ އިރު، ރިޕޯޓްތައް ބުނާ ގޮތުން "ލޭޑީ ސިންގަމް" ގެ ގޮތުގައި އޭނަ ފެންނާނީ އަޖޭގެ ކޮއްކޮއެއްގެ ރޯލުންނެވެ.
"ސިންގަމް އެގެއިން" އަކީ ރޯހިތާ އެކީ ދީޕިކާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ ޝާހްރުކް ޚާން ބަތަލުގެ ރޯލު ކުޅުނު 2013 ގެ "ޗެންނައި އެކްސްޕްރެސް" އެވެ. އަދި މިދިޔަ އަހަރު ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްއާ އެކީ ރޯހިތު ގެނެސްދިން ކޮމެޑީ ފިލްމު "ސާކަސް" ގެ ލަވައެއް ދީޕިކާ ކުޅުނެވެ.
"ސިންގަމް އެގެއިން" ގައި އަޖޭގެ ލޯބިވެރިޔަކީ 2014 ގެ "ސިންގަމް ރިޓާންސް" ގެ ވެސް ބަތަލާ ކަރީނާ ކަޕޫރެވެ.
އަންނަ އަހަރުގެ އޮގަސްޓްގެ މެދު ތެރޭގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ފަސް ވަނަ ފިލްމެވެ. އެގޮތުން އެއަށް ނިސްބަތްވާ ރަންވީރުގެ "ސިމްބާ" އާއި އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" ވެސް ފިލްމުގެ ވަރަށް ހާއްސަ ފެނިލުންތަކެއްގައި ހިމެނޭނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ސިންގަމް އެގެއިން" ގެ ވިލަން އަކީ އަރުޖުން ކަޕޫރެވެ. އަދި މީގެ ވަރަށް ހާއްސަ ރޯލަކުން ޓައިގާ ޝްރޮފް ވެސް ފެންނާނެ އެވެ.
"ސިންގަމް އެގެއިން" ގެ މަސައްކަތް ދީޕިކާ ފެށި އިރު، އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރިތިކް ރޯޝަންގެ "ފައިޓާ" އާއި ޕްރަބާސްގެ "ކަލްކީ" ހިމެނެ އެވެ. ހުނަރުވެރި، ރީތި އަދި އެހާމެ ކާމިޔާބު ބަތަލާގެ ދެ ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ ޝާހްރުކްގެ "ޕަތާން" އާއި "ޖަވާން" އެވެ.