Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ގާޒާގެ މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ހިނގައްޖެ

އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ގާޒާގެ މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) ބުނެފި އެވެ.

ޔޫއެންއާރްޑަބްލިއުއޭގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ޖޫލިއެޓް ޓޫމާ ވިދާޅުވީ ހަމަލާތަކާ ގުޅިގެން ހަފްތާއެއްގެ ތެރޭގައި ގާޒާ އިން ގެދޮރު ދޫކޮށްދިޔަ މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވާ ކަމަށާއި ގެދޮރު ދޫކޮށް އަދިވެސް މީހުން ދާތީ މި އަދަދު މިއަށް ވުރެ އިތުރުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

މި މައްސަލަ އަށް ހައްލެއް ގެނައުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް މި ހަނގުރާމަ އަށް އަވަސް ހަލެއް އަތުވެދާނެ ކަމަށް ނުބެލެވޭއިރު އުތުރު ގާޒާގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދާދިފަހުން ވަނީ އަމުރުކޮށްފަ އެވެ. އަދި އިޒްރޭލުން މިހާރު އަންނަނީ އެއްގަމުން ގާޒާ އަށް އަރައިގަންނަން ވެސް ތައްޔާރުވަމުންނެވެ.