Last Updated: April 29, 10:37
Monday, April 29, 2024
ދުނިޔެ

ގަތަރު އެއާވޭސް އަށް ސްޓާލިންކް އިންޓަނެޓް

ގަތަރު އެއާވޭސްގެ ދަތުރުތަކުގައި ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް ދޭން އެއްބަސްވުމެއް ހަދައިފި އެވެ.

އެ ހިދުމަތް ދޭ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އާއި ގަތަރު އެއާވޭސްއާ ދެމެދު ހެދި އެއްބަސްވުމާ ގުޅޭ ގޮތުން ގަތަރު އެއާވޭސް ގްރޫޕްގެ ޗީފް އެގްޒެޓިވް އަކްބަރު އަލް ބަކްރު ވިދާޅުވީ ގަތަރު އެއާވޭސް އަކީ އަބަދު ވެސް ޕެސެންޖަރުންނަށް ދޭ ހިދުމަތްތައް ރަނގަޅުރަން ވަރަށް ބޮޑު އިސްކަމެއް ދޭ ކުންފުންޏެއް ކަމަށެވެ.

އެހެންވެ ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް ގަތަރު އެއާވޭސް ދަތުރުމަތީގައި ލިބުމަކީ އަނެއްކާ ވެސް ތަފާތު ތަަޖުރިބާއަކަށް ވާނެ ކަމަށް ވިދާޅުވި އއެވެ.

"ވަރަށް ފަސޭހަކޮށް މި ހިދުމަތަށް ދަތުރުމަތީގައި އެކްސެސްވެވޭ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ." އަކްބަރު ވިދާޅުވި އެވެ.

ސްޕޭސް އެކްސްގެ ސްޓާލިންކް ކޮމާޝަލް ސޭލްސްގެ ވައިސް ޕްރެެޒިޓެންޓް ޖޮނަތަން ހޮފްލާ ވިދާޅުވީ ގަތަރު އެއާވޭސްއާ އެކީ އެއްބަސްވުން ހެދީ އެ އެއާލައިންގެ މުޅި ފްލީޓަށް ހިދުމަތް ދޭން ކަމަށެވެ.

ނަމަވެސް ހިދުމަތް ދޭން ފަށާނެ އިރަކާއި ހިދުމަތް ދޭނީ ކޮންކޮން ރޫޓްތަކަކަށްތޯ ގަތަރު އެއާވޭސް އިން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މީޑިއާތަކުން ބުނި ގޮތުގައި ސްޓާލިންކްގެ ހިދުމަތް ގަތަރު އެއާވޭސްގައި ދޭން ފެށުމާ އެކީ ޕެސެންޖަރުންނަށް 350 އެމްބީޕީއެސްގައި ހިދުމަތް ލިބޭނެ އެވެ.

ސްޓާލިންކާއި ގަތަރު އެއާވޭސް ހެދި އެއްބަސްވުމާ އެކީ އެ އެއާލައިން ވެފައި ވަނީ ސްޓާލިންކްގެ އިންޓަނެޓް ދަތުރުމަތީގައި ދޭން އެއްބަސްވުން ހެދި ދުނިޔޭގެ ފުރަތަމަ ބޮޑު އެއާލައިނަށެވެ. ގަަތަރު އެއާވޭސް އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިނެވެ.

މިދިޔަ އަހަރު ހަވާއިއަން އެއާލައިންސުން ސްޓާލިންކާ އެކީ އެއްވަސްވުން ހަދާފައިވެ އެވެ. އަދި އެއާލައިންގެ ދަތުރުތަކުގައި ހިދުމަތް އަންނަ އަހަރު ދޭން ފަށާނެ އެވެ.

ދެހާސް ނަވާރައިގައި ތައާރަފުކުރި ސްޓާލިންކް އިންޓަނެޓަކީ ބިޔަ ސެޓެލައިޓް ވިއުގައެއް މެދުވެރިކޮށް، ތަރައްގީކޮށް ފުޅާކުރަމުން އަންނަ ހިދުމަތެކެވެ.