އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާގެ 50 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލާފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި އާއިލާގެ ހުރިހާ މެންބަރުން ޝަހީދުވުމުގެ ސަބަބުން ގާޒާގެ 50 އާއިލާއެއް ގާޒާގެ ސިވިލް ރަޖިސްޓްރީން އެއްކޮށް ފޮހެވިފައިވާ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.
ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 1،400 އަށް އަރާފަ އެވެ. އަދި އިޒްރޭލުގެ 120 މީހަކު މިވަގުތު ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.
މި ހަނގުރާމަ އަށް ހައްލެއް ގެނައުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް މި ހަނގުރާމަ އަށް އަވަސް ހަލެއް އަތުވެދާނެ ކަމަށް ނުބެލެވޭއިރު އުތުރު ގާޒާގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދާދިފަހުން ވަނީ އަމުރުކޮށްފަ އެވެ. އަދި އިޒްރޭލުން މިހާރު އަންނަނީ އެއްގަމުން ގާޒާ އަށް އަރައިގަންނަން ވެސް ތައްޔާރުވަމުންނެވެ.