Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ވެނެޒުއެލާ އިން ފަލަސްތީނަށް 30 ޓަނުގެ އެހީ ފޮނުވަނީ

އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ވެނެޒުއެލާ އިން 30 ޓަނުގެ އެހީ ފޮނުވަން ނިންމައިފި އެވެ.

ވެނެޒުއެލާ އިން މިކަން އިއުލާންކުރީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ ފޯނު ކޯލަށްފަހު ކުރެއްވި ޓްވީޓެއްގައި މަޑޫރޯ ވިދާޅުވީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެތައް ބަޔަކު މަރުވެ އަދި އަނިޔާތައް ލިބިފައިވާ ކަމަށާއި އިޒްރޭލުގެ މި އަމަލުތަކުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ވެސް އެ ގައުމުން އިހުތިރާމް ނުކުރާކަން ހާމަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި 30 ޓަނަށް ވުރެ ގިނަ އެހީ ވެނެޒުއެލާ އިން ފަލަސްތީނަށް ފޮނުވާނެ ކަމަށާއި މިއީ ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެ ފެށުމެއް ކަމަށް މަޑޫރޯ ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 1،400 އަށް އަރާފަ އެވެ. އަދި އިޒްރޭލުގެ 120 މީހަކު މިވަގުތު ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.

މި ހަނގުރާމަ އަށް ހައްލެއް ގެނައުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް މި ހަނގުރާމަ އަށް އަވަސް ހަލެއް އަތުވެދާނެ ކަމަށް ނުބެލެވޭއިރު ފަލަސްތީނު ރައްޔިތުން ކާބޯތަކެއްޗާއި އަދި ސިއްހީ އެހީއަށް ޖެހުމުގެ ބިރާއި ކުރިމަތިލާން މިހާރު ވަނީ ޖެހިފަ އެވެ.