Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އިޒްރޭލު ހުއްޓުވަން އިރާނުން ގޮވާލައިފި

އިޒްރޭލު ހުއްޓުވަން މުސްލިމް ގައުމުތަކުން ފިޔަވަޅު އަޅަން އިރާނުގެ ރައީސް އިބްރާހިމް ރައީސީ ގޮވާލައްވައިފި އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރައީސީ އިއްޔެ ވަނީ އޮމާން އާއި އިރާގު އަދި ގަތަރުގެ އިސްވެރިންނާއި ފޯނުން ގުޅުއްވާ މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން އޮމާނުގެ ސުލްތާން ހައިތަމް ބިން ތާރިގާއި ފޯނުން ވާހަކަދައްކަވަމުން ރައީސީ ވިދާޅުވީ ހުއްޓުމެއް ނެތި މީހުން މަރަމުންދާ އިޒްރޭލު ހުއްޓުވަން މުސްލިމު ގައުމުތަކުން މުހިއްމު އަދި ބޭނުންތެރި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާއު އައްސޫދާނީއާ ވާހަކަފުޅުދައްކަވަމުން ރައީސީ ވަނީ ހަނގުރާމަ ހުއްޓުވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާ ފަލަސްތީނު ރައްޔިތުންނަށް ސަލާމަތްތެރިކަމާއެކު ގައުމުން ބޭރުވެވޭނެ ގޮތްތައް ހޯދައިދީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގެއް ހޯދަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ ފޯނުން ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސީ ވަނީ ފަލަސްތީނު މައްސަލަ އަށް ހައްލެއް ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. ހުޅަނގުގެ ބައެއް ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ހަމާސް އިން އިޒްރޭލަށް ހަމަލާތައް ދޭން ފެށީ އިރާނުގެ އެހީތެރިކަމާއެކު އެވެ. ނަމަވެސް މި ތުހުމަތުތައް އިރާނުން ދޮގުކުރެ އެވެ.

ހަމާސް އިން ދޭން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 1،400 އަށް އަރާފަ އެވެ. އަދި އިޒްރޭލުގެ 150 މީހަކު މިވަގުތު ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.