Last Updated: July 15, 11:57
Wednesday, July 15, 2026
ކުޅިވަރު

ސްޕެއިން ވެސް ޔޫރޯ އަށް ކޮލިފައިވެއްޖެ

އަންނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްޕެއިން ޖާގަ ހޯދައިފި އެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު ކުރިއަށް އޮއްވާ ސްޕެއިން މުބާރާތަށް ކޮލިފައިވީ ރޭ ކޮލިފައިންގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ.

މި މޮޅާއެކު ސްޕެއިނަށް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފައިވާ ސްކޮޓްލޭންޑް ވެސް ވަނީ ޔޫރޯ އަށް ކޮލިފައިވެފަ އެވެ. ސްޕެއިނަށް ގްރޫޕްގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ގްރޫޕްގެ ތިންވަނައިގައި އޮތް ނޯވޭ އަށް މިހާރު އޮތީ ޕްލޭ އޮފުން ޖާގަ ހޯދައިގެންނެވެ.

ނޯވޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 49 ވަނަ މިނެޓްގައި ސްޕެއިނަށް ކާމިޔާބުކޮށްދިނީ ގަވީ އެވެ. މިއީ އުމުރުން 19 އަހަރުގެ ގަވީ ސްޕެއިނަށް ކާމިޔާބުކޮށްދިން ފަސްވަނަ ގޯލެވެ. މި މެޗުގައި ސްޕެއިންގެ ޑިފެންސްލައިނަށް އެންމެ ބޮޑަށް ނުރައްކާ ކުރާނެ ކަމަށް ބެލެވުނު ނޯވޭގެ އިތުބާރު ފޯވާޑް އާލިން ހާލަންޑަށް މި މެޗުގައި ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަން މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ.

ސްޕެއިން އާއި ސްކޮޓްލޭންޑުގެ އިތުރުން ތުރުކީ ވެސް ރޭ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޖާގަ ހޯދައިފަ އެވެ. ތުރުކީ ޔޫރޯ އަށް ކޮލިފައިވީ 4-0 އިން ލެޓްވިއާ ބަލިކޮށްގެންނެވެ.

ޔޫރޯ ކޮލިފައިންގެ މެޗުތައް މިރޭ ވެސް ކުރިއަށްދާނެ އެވެ. މިރޭގެ އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވެނީ ގްރޫޕް ބީ ގައި ހިމެނޭ ގްރީސް އާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗެވެ. މި މެޗުން ގްރީސް މޮޅުވެއްޖެނަމަ ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ގްރީސަށް ވަރަށް ބޮޑުވާނެ އެވެ. މި ގްރޫޕުން ފްރާންސް ޔޫރޯ އަށް ކޮލިފައިވެފައިވާއިރު ގްރޫޕްގެ ދެވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ގްރީސް އެވެ. އެއް މެޗުން މަދުން ކުޅެ ނެދަލޭންޑްސް އޮތީ 9 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގަ އެވެ.