Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ކޮލެޖްތައް ޔުނިވަސިޓީ އަށް ބަދަލުވުމާ ގުޅޭ އާ ބިލެއް

ރާއްޖޭގައި ހިންގާ ކޮލެޖުތަކުގެ ތެރެއިން 10 އަހަރުވެފައިވާ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު އެވެ. މި އިސްލާހުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދު ޖަލްސާ އަށް އެޖެންޑާކޮށްފައިވެ އެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މަތީ ތައުލީމު ދޭ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ލިބުމަށް ޝަރުތު ހަމަވާ، މުއްދަތު 20 އަހަރުން 10 އަހަރަށް ކުރު ކުރަން ހިމަނާފައިވުމުގެ އިތުރަށް ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ، ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ތަނަކަށް ވާންޖެހެ އެވެ.

ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ މުއްދަތު ކުޑަކުރަން ސަރުކާރުން އިސްލާހެއް ހުށަހެޅި އިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވެސް މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި އެވެ. އެއީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ނަސީމުގެ އެ ބިލް އެމްޑީޕީން އޭރު ވަނީ މަޖިލީހުން ބޭރުކޮށްފަ އެވެ.