ބޮލީވުޑްގެ ތަރި ދަރުމެންދުރާ އާއި އޭނަގެ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލް އެކީގައި ކުޅުނު ކާމިޔާބު ފިލްމު "އަޕްނޭ" ގެ ދެވަނަ ބައިގެ މަސައްކަތް ނުފެށި އޮތީ އޭގެ ސްކްރިޕްޓްގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ ކަމަށް ބޮބީ ބުނެފި އެވެ.
އޭޝިއަން ނިއުސް އިންޓަނޭޝަން (އަނީ) އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ 2020 ގެ ފަހުކޮޅު އިއުލާންކުރި "އަޕްނޭ 2" ގެ މަސައްކަތް ކުރިން ރޭވި ގޮތަށް ނުދިޔައީ އޭގެ ސްކްރިޕްޓް އެންމެން ހިތްހަމަޖެހޭ ވަރަށް ގެނެސްދެވިފައި ނެތުމުން ކަމަށެވެ.
"އެހެންވެ އެ މަސައްކަތް ކުރިއަށް އެބަދޭ. އަހަރެމެން އެންމެން ހިތްހަމަޖެހޭ ވަރަށް ސްކްރިޕްޓްގެ މަސައްކަތް ނިމުނީމަ އެ ފިލްމު ހަދާނެކަމުގެ ޔަގީންކަން ދެން." މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާ "އެނިމަލް" ގެ ރޯލަކުން ފެންނާނެ ބޮބީ ބުންޏެވެ.
"އަޕްނޭ" އަކީ އޮގަސްޓްގައި ރިލީޒްކުރި ސަނީގެ "ގަދަރު 2" ގެ ޑައިރެކްޓަރު އަނިލް ޝަރުމާ ޑައިރެކްޓްކޮށް، 2007 ގައި ގެނެސްދިން ސްޕޯޓްސް ޑްރާމާ ފިލްމެކެވެ. މި ފިލްމުގައި ދަރޭ އާއި ސަނީ އާއި ބޮބީއާ އެކީ ކިރަން ކޭރާއި ޝިޕްލާ ޝެޓީގެ އިތުރުން ކެޓްރީނާ ކައިފް ވެސް މުހިއްމު ރޯލުތަކެއް ކުޅުނެވެ.
"އަޕްނޭ" ގައި ކިޔައި ދިނީ އޮލިމްޕިކްގައި ބޮކްސިން އިން މެޑަލް ހޯދާފައިވާ ކުޅުންތެރިޔަކު (ދަރޭ) ފަހުން ވާދަކުރާ މުބާރާތެއްގެ ތެރޭގައި މަނާ ބޭހެއް ބޭނުންކުރިކަމުގެ ތުހުމަތުގައި މުބާރާތުން ވަކިވާން ޖެހި، ކުޅިވަރާ ދުރަށް ދާން ޖެހުމުން ކުޅިވަރުން އޭނާގެ ދެ ދަރިން ސަނީ އާއި ބޮބީ ކުރިއަރުވަން ކުރާ މަސައްކަތެވެ.
މީގެ ދެވަނަ ބައި ހަދާ އިރު "އަޕްނޭ 2" ގެ ކާސްޓްގައި ދަރޭގެ ފުރަތަމަ ކާފަދަރިފުޅު ކަރަން ޑިއޯލް ވެސް ހިމެނޭނެ އެވެ. އޭނަ އަކީ ސަނީގެ ދޮށީ ދަރިފުޅެވެ. ކަރަން ބޮލީވުޑަށް ނެރުނީ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ.
"ގަދަރު 2" އަށް ފަހު އަނިލް ޝަރުމާ ދެން ޑައިރެކްޓްކުރާނެ ފިލްމެއް އަދި އިއުލާނެއް ނުކުރެ އެވެ.