ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ފިލްމު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ އައި ފިލްމްސް އިން ތިން ވަނަ ފީޗާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
މީގެ ޝޫޓިން ކުރިއަށްދާތާ ދެތިން ދުވަސްވެފައިވާ އިރު، އައި ފިލްމްސްގެ ސްޓޯރީގައި އެ ވާހަކަ ހިއްސާކޮށްފައިވެ އެވެ. އެކަމަކު އާ ޕްރޮޖެކްޓާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އައި ފިލްމްސް އިން ބުނީ ތިން ވަނަ ފިލްމުގެ ނަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ދެވަނަ ފިލްމުގެ ގޮތުގައި މިދިޔަ އޮގަސްޓްގައި ގެނެސްދިން ކްރައިމް ތުރިލާ "ނީނާ" އެވެ. ފުރަތަމަ ފިލްމަކީ 2019 ގެ ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އެވެ. މި ދެ ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރީ ބެލުންތެރިންގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައިވާ އިލްޔާސް ވަހީދު (އިއްލެ) އެވެ.
އޭނަގެ އައި ފިލްމްސް އިން ތިން ވަނަ ފިލްމެއްގެ މަސައްކަތް ކުރިއަށް ގެންދާ އިރު، އަންނަ މަހުގެ 4 ގައި އިއްލެ ލިޔެ، ޑައިރެކްޓްކުރި 3 ވަނަ ފީޗާ ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ. އެއީ ކަޒްމިކް އިންޓަނޭޝަނަލްގެ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.
އިއްލެ ވަނީ ވެބް ސީރީޒްތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "މަޒްލޫމް" އާއި "ބިރުވެރި ވާހަކަ" ހިމެނެ އެވެ.