Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އިގްތިސާދަށް މުހިންމު

މެންބަރު ސައުދު ހުސައިން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަކީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ބިލެއް ކަމަށާއި މިބިލުގެ ޒަރީއާއިން ރާއްޖޭގައި ނެތެމުންދާ އެކިއެކި ދާއިރާތަކުގެ މަސައްކަތްތެރިން އަލުން އިއާދަވެ އުފެދުމުގެ ފުރުސަތުވެސް ބޮޑު ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ބިލަށް ވާހަކަ ދައްކަވަމުން ސައުދު ވަނީ މި ބިލުގެ ޒަރިއާއިން ރައްޖޭގައި މަސައްކަތްކުރާ އަދި ވަޒީފާގެ ފުރުސަތުތައް އުފައްދާ ފަރާތްތަކަށް ޔޫނިއަންތައް ހަދައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭކަން ފާހަގަކުރައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓާގެ އިންވެސްޓްމެންޓްތައް ދެމި އޮތުމަށް މި ބިލަކީ މުހިންމު ބިލެއް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މަސްވެރިންގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރި އުފައްދާ ވިޔަފާރިވެރިޔާގެ ހައްޤުތައްވެސް ރައްކާތެރިކޮށްދޭގޮތަށް ޔޫނިއަން އުފެއްދުމުގެ ފުރުސަތާއި އިތުރު ކަންކަން މިބިލުގެ ތެރެއިން ލިބިގެންދާކަން ފާހަގަކުރެއްވިއެވެ. އަދި އެހެން އެކަން އޮތުމުން އެމީހުންގެ އަޑު އެކި ދާއިރާތަކަށް އުފުލުގެ ހައްޤު މި ބިލިގެ ތެރެއިން ލިބޭކަމަށް ސައުދު ވިދާޅުވިއެވެ.

"މިއީ ދިވެހިރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިންމު ބިލެއް. މި ބިލުގެ ސަބަބުން ދިވެހިރާއްޖޭގެ ނެތެމުންމިދާ އެކިއެކި ދާއިރާތަކުގެ މަސައްކަތްތެރިން އަލުން އިއާދަވެ އުފަންވުމުގެ ފުރުސަތުވެސް ވަރަށް ބޮޑުކަން ފާހަަގަކުރަން." ސައުދު ވިދާޅުވިއެވެ.

ވަކި ބާވަތްތަކުގެ މަސައްކަތްތަކަކީ ދިވެހިންގެ ޝައުގުވެރިކަން މިހާރު ކުޑަ މަސައްކަތްތަކަށް ވަމުންދާކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ އެ ދާއިރާތަކުން އިތުރަށް ދިވެހިން ބިނާކޮށް މި އިންޑަސްޓްރީތައް ދިވެހިންގެ އަތްމައްޗަށް ގެނެސްދިނުމަށްޓަކައިވެސް ޔޫނިއަންތަކަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

ސައުދު ވިދާޅުވީ ކޮންމެ ދާއިރާއެއްގެ ކޮންމެ މަސައްކަތަކީވެސް އެ ވަޒީފާއެެއްގެ ހައްގުތައް ހިމާޔަތްކުރެވި ރައްކާތެރިކުރެވި ޕްރޮފެޝަނަލް ވަޒީފާއެއް ކަމަށް ކަނޑައެޅިގެން ދިއުމަށްޓަކައި އަދި އިންޑަސްޓްރީތައް ހިންގުމަށްޓަކައި ޔޫނިއަންތަކުން ކުރިއަށް އޮތްތަނުގައި ކުރެވޭނެ މަސައްކަތަކީ، ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމަށެވެ.